ނިމިދިޔަ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ދީފައިހުރީ ސަރުކާރު ހިންގި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ބޭފުޅުންނަށް ކަމަށް ސަރުކާރުގެ ތާއީދާއެކު މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އޭނާގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ވިދާޅުވީ މިދިޔަ ސަރުކާރުން ބިންތައް ބަހާލާފައި އޮތީ އެ ޕާޓީގެ ބޭފުޅުންނަށް ފައިދާވާ ގޮތަށް ރައްޔިތު މީހާ ނިކަމެތިކޮށްލާފައި ކަމަށެވެ. އެގޮތުން ބިންތައް ބަހާފައިވަނީ ކުޑަކުއްޖެއް އަތަށް ފަންސޫރަކާއި ފަތިގަނޑެއް ދިނުމުން ބަހާފައި އޮތް އުސޫލުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އޭނާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ ގެތަކަށް ޒިޔާރަތްކުރެއްވުމުން ހަތަރު ބޭފުޅުން ފިޔަވާ އެހެން ހުރިހާ ބޭފުޅުންވެސް ވިދާޅުވީ އެފަރާތްތަކަށް ގެދޮރު ލިބުނީ ގުޅީފަޅުން ނުވަތަ ގިރާވަރު ފަޅުން ކަމަށެވެ.
ނާޒިމް ވިދާޅުވީ އެއީ އިއްތިފާގެއް ނޫންކަމަށާއި އެއީ އެ ދާއިރާގެ ރައްޔިތުންނަށް ކަނޑައެޅިގެން ދީފައި އޮތް ނިކަމެތި ކަމެއް ކަމަށެވެ.
އެ ޕާޓީއަށް ނިސްބަތްވާ ބޭފުޅުންނަށް 3,850 އަކަފޫޓު އެބަހުރި ހުޅުމާލެއިން ދީފައި. އެކަމަކު މިދާއިރާގައި އެކަމެއް ނެތް.
ނާޒިމް ވިދާޅުވީ މިފަދަ ކަންތައްތައް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކުރުމަށްޓަކައި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަމަށެވެ.
ނާޒިމް ވިދާޅުވީ މާފަންނު އުދުރު ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަ ކަމަށާއި އެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ވޭތުވެދިޔަ ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތްކަމަށެވެ.
ނާޒިމް ވިދާޅުވީ ދާއިރާގެ ގެތަކަށް ޒިޔާރަތްކުރެއްވުމުން ރައްޔިތުން އުޅެމުން އަންނަ ނިކަމެތި ހާލު ފެނިވަޑައިގަންނަވާ ކަމަށާއި އެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދޭނެ ސަރުކާރަކީ މި ސަރުކާރު ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންނަށް ހިތްފަސޭހަކަމާއެކު އުޅެވޭނެ ސަރަހައްދަކަށް ދާއިރާ ހައްދަވާދެއްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އޭނާ ހުންނެވީ ރައީސް މުއިއްޒުގެ ފަހަތުގައި ކަމަށާއި ދާއިރާގެ ރައްޔިތުން ބޭނުންވާ ތަރައްގީއާއި ހިތްހަމަޖެހުން ގެނެސްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.