ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ގިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާ ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދާއި ހިލާފަށް އެސްއޯ ފުލުހުން ބޭނުންކުރި މައްސަލައިގައި އެމަނިކުފާނު އެދިވަޑައިގެންނެވި ތަހުގީގީ ރިޕޯޓު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

Ads by Asuru

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މި ރިޕޯޓު ދިރާސާކުރެއްވުމަށްފަހު އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

މިއަދު މުލިއާގޭގައި އީދު ސަލާމް ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރޭގެ ޖަލްސާގެ ކަންކަން ހުއްޓުވުމަށް ފުލުހުން މެދުވެރިކޮށް ކަންތައް ކޮށްފައިވަނީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ނޫން ކަމަށާއި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދަކީ ގައުމުގައި ހަމަޖެހުން ގާއިމްކުރުން ކަމަށެވެ.

މީގެ ކުރިން ރާއްޖޭގެ ސިޔާސީ ދާއިރާއިން ފެނުނު ބަދަލުހިފުމުގެ ރޫހު ނުގެންގުޅުއްވާނެ ކަމަށާއި ސިޔާސީ ފިކުރެއްގެ ސަބަބުން އެއްވެސް މީހަކާމެދު ފިޔަވަޅު ނާޅާނެ ވާހަކައަކީ ރައީސް ތަކުރާރުކޮށް ދައްކަވަމުން އަންނަ ވާހަކައެކެވެ. މިއަދުވެސް އެ ވާހަކަ ތަކުރާރު ކުރައްވާ ރައީސް ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ރޭ ގިޔާސުއްދީން ސްކޫލްގައި ބޭއްވުމަށް މަސައްކަތް ކުރަނިކޮށް އެސްއޯ ފުލުހުން ހުރަސް އަޅާފައިވަނީ އެމަނިކުފާނުގެ އިރުޝާދާއި ހިލާފަށް ކަމަށެވެ. އެކަމާމެދު ނުރުހުން ފާޅުކުރައްވާ ރައީސް ވިދާޅުވީ ސިޔާސީ ފިކުރެއްގެ ސަބަބުން މީހުން ހިފާ ހައްޔަރުކުރުމަކީ އެމަނިކުފާނު ޓޮލަރޭޓްކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސްއާއި ފުލުހުންނާއި ވެސް މީގެ ކުރިން އެމަނިކުފާނު ބައްދަލުކުރައްވާ އިރުޝާދު ދެއްވާފައިވާނީ ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތަށް ޖާގަނުދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ދިވެހި ފުލުހުންގެ މުވައްސަސާއަށް ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދުމަށް ކަމަށާއި މީގެ ކުރިން އެސްއޯ ފުލުހުން ގޮސް ރައްޔިތުން ހައްޔަރުކޮށް އަނިޔާކުރާ މުވައްސަސާއެއް ގޮތުގައި ލޭބަލް ވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ބޭނުންފުޅުވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެސްއޯ ފުލުހުން ތަނަކަށް ފޮނުވަން ޖެހޭނީ ބައެއްގެ މުދަލަށް ގެއްލުން ދިނުންފަދަ ބޮޑެތި ހަމަނުޖެހުމެއް ހިންގާނަމަ ކަމަށާއި އެ ހާލަތަށް ގައުމުގެ ކަންކަން ނުދާނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބަ އޮތް ކަމަށެވެ.

ސިޔާސީ ޕާޓީތައް އުފެއްދުމާއި ސިޔާސީ ހިޔާލު ފާޅުކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ހައްގެއް ކަމަށާއި އެކަމަށް މި ސަރުކާރުން ހުރަސް ނާޅާނެކަން ފާހަގަކުރައްވާ ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނުގެ އިރުޝާދާއި ހިލާފުވި މައްސަލައިގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާނެ ކަމަށެވެ.