މިރޭ މ.ރަބީއުވިލާގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހުގައި، އެ ތަން ތަޅައިލަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފު އުމަރު މިރޭ އެކްސްގައި ވިދާޅުވީ، ރަބީއުވިލާ އަކީ، އެއްވެސް މީހަކު ދިރިނޫޅޭ، ބޮލަށް ވެއްޓޭ ވަރަށް ބާވެފައިވާ ގެއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ގެ ތަޅާލަން ނިންމީ، އެ ސަރަހައްދުން ހިނގާ ބިނގާވެ އުޅޭ މީހުންނަށް ގެއްލުމެއް ލިބިދާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އަލިފާން ރޯވެފައިވަނީ، ރަބީއުވިލާގެ ހަތަރު ވަނަ ފަންގިފިލާގައެވެ. މިރޭ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން، ހާލަތު ބައްލަވާލާފައެވެ.

މިރޭ ހިނގި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފެއް ނޫނެވެ.