ރާއްޖޭގެ އިގްތިސާދު މެނޭޖުކުރުމަށްޓަކައި ބޮޑެތި ހަރަދުތައް ހިނގާ މަޝްރޫއުތައް ފަށާނީ އެކި މަސްމަހަށް ބަހާލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ލ. އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލު ކަމުގައިވާ ލ. މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު އައިއިރު މުޅި ރާއްޖޭގައި ހުއްޓިފައިހުރި ބައެއް މަޝްރޫއުތައް އަލުން ފަށައިގެން މިހާރު ކުރިޔަށްދާކަމަށާއި، 50 މިލިޔަނުން ފެށިގެން މަތީގެ ހަރަދުތައް ހިނގާ ބޮޑެތި މަޝްރޫއުތައް އެކި މަސްތަކަށް ބަހާލައިގެން ކުރިޔަށްގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެފަދަ ބައެއް މަޝްރޫއުތައް ޖުލައި މަހާ ހިސާބުގައި ފެށޭނެކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަމުން އަންނަނީ ސަރުކާރުގެ ބާރު ނެތް މަޖިލީހަކުން ފާސްކޮށްދިން ބަޖެޓަކަށް ކަމަށާއި ބަޖެޓު ފާސްކޮށްދީފައި އޮތީ ކުދިކުދި އަދަދުތަކުން ފައިސާ ޖަހައިގެން ކަމަށެވެ. އެހެންނަމަވެސް މިހާރުގެ ބަޖެޓު ތެރެއިން ފެށެން ހުރި މަޝްރޫއުތައް ބެލުމަށްފަހު މިދިޔަ ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާ ބޮޑު ނޫން އާ މަޝްރޫއުތައްވެސް ބައެއް ރަށްތަކުގައި މިހާރު ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިއީ ޖުމްލަކޮށް މުޅި ރާއްޖެއަށް އަޅުގަނޑު ދަންނަވާ ވާހަކައެއް. މި ރަށުގައިވެސް ހަމަ އެހެން ހުރި ކުދި މަޝްރޫޢެއްވިއްޔާ އަޅުގަނޑުމެންނަށް ފެށޭނެ. ބޮޑެތި މަޝްރޫޢުތައް، ބިން ހިއްކުން، ބަނދަރު ހެދުން، މަގުހެދުން، މި ބަލަނީ މިހާރު އަހަރު މެދަށް މިދަނީ. ޖޫން، ޖުލައި ހިސާބުގައި މިކަހަލަ މި ސްކޭލްގެ މަޝްރޫޢުތައް ރަށްރަށުގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.
ރައީސް ވިދާޅުވީ އާމްދަނީ މެނޭޖުކޮށްގެން ބާކީ ފަހު ކުއާރޓަރަށް ދާއިރު ބަޖެޓުގައި ދެން ހުރި ގިނަ މަޝްރޫއުތަކެއް ފައްޓަވާނެ ކަމަށެވެ. ސަރުކާރުން މިފަދައިން މަޝްރޫއުތައް ކުރިއަށްގެންދަނީ ފައިސާ ޗާޕްނުކޮށް، އާމްދަނީ އިތުރުކޮށްގެން ބޭރުގެ ދަރަނިވެސް ދައްކަމުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފައިސާއަކީ ރައްޔިތުންގެ ފައިސާކަމަށާއި މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ސަރުކާރުން މި ސިޔާސަތު ގެންގުޅެނީ ވީހާވެސް ރަނގަޅަށް އިގްތިސާދު މެނޭޖުކުރެވޭތޯ ބަލަން ކަމަށެވެ.