ކޮވިޑް-19 ޕެންޑެމިކް ތެރޭގައި ދޫކުރި ދެ ލޯނެއްގެ އިންޓެރެސްޓް މާފުކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.

Ads by Asuru

ލ.ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު، މިކަން ހާމަ ކުރައްވަވައި ވިދާޅުވީ ކޮވިޑް-19ގެ ޕެންޑެމިކް ތެރޭގައި، ވަރަށް ގިނަ ބަޔަކު ހާލުގައިޖެހި، ލޯނުތައް ނަގަން ޖެހުނު ކަމަށެވެ.

”މި ލޯނުގެ އިންޓްރެސްޓް އަރަމުން ގޮސް، ނުކަތާ ހިސާބަށް ވަނީ ގޮސްފަ. ދެން މިދިޔަ ސަރުކާރުން ދެއްކި ވާހަކަ އަކީ އެ އިންޓްރެސްޓް މާފު ކުރާނަމޭ، އެކަމު ނުކުރޭ.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން އެކަން ކޮށްނުދިނުމުން، އެމަނިކުފާނުގެ ސަރުކާރުން ހަވާލުވެ، ކޮވިޑް ލޯނުގެ އިންޓްރެސްޓް ކުޑަ ކުރުމުގެ މަސައްކަތް ފެއްޓެވި ކަމަށެވެ. އަދި، މިހާރު އެ މަސައްކަތް ނިމިފައިވާއިރު، އީދު ބަންދަށް ފަހު، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަށް އެޕްލައި ކުރެވޭނެ ކަމަށާއި، އެކަންކޮށް އެއްބަސްވުން ހެދުމުން އެސްޑީއެފްސީން ލޯނު ނެގި ހުރިހާ ފަރާތްތަކަކަށް އިންޓްރެސްޓް މާފު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”އެހެންވީމަ، އިރާދަކުރެއްވިއްޔާ، އީދު ބަންދަށްފަހު، ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާނަން. ކޮވިޑްގެ ލޯނު ނަގައިގެން އެރި އިންޓްރެސްޓް ސަރުކާރުން މާފު ކުރަން މިހާރު އޮތީ ނިންމާފަ.“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑްގެ ދުވަސްވަރު، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެޗްޑީއެފްސީ) އިން ހައުސިން ލޯނު ނެގި ފަރާތްތަކަށް ވެސް އިންޓްރެސްޓް މާފު ކުރުމަށް ކުރަންޖެހޭ އިދާރީ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް ވިދާޅުވެ، ރައީީސް ވަނީ، އެމަނިކުފާނުގެ ސަރުކުން އިންތިހާބުގެ ދުވަސްވަރު ކަންކަން ކޮށްދިނުމަށް މަޑު ނުކުރާ ކަމަށެވެ.

ރައީސް ވަނީ އެޗްޑީއެފްސީއަށް ވެސް، އީދު ބަންދަށް ފަހުގައި، އިންޓްރެސްޓް މާފު ހޯދަން އެޕްލައި ކުރެވޭނެ ކަމަށެވެ.