މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސް ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލަން ނިންމައިފި އެވެ.

Ads by Asuru

 

ހާއްސަ އިނާމާ ބެހޭ ކޮމިޓީން ބުނި ގޮތުގައި މި އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުނު އަހަރު ކަމަށްވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން އާދަޔާޚިލާފު ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށާއި، މި ދާއިރާގެ ޚިދުމަތް ފޯރުކޮށް ދިނުމުގައި މަސައްކަތްކުރާ މުވައްޒަފުން ޤައުމުގެ ތަރައްޤީއަށް ކޮށްފައިވާ އަދި ކުރަމުންގެންދާ އުފެއްދުންތެރި އީޖާދީ މަސައްކަތްތައް ފާހަގަކޮށް، ޤައުމީ ފެންވަރެއްގައި އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް، ރައީސް ދެކެވަޑައިގަންނަވާތީ، އެ މަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން މި އަހަރުގެ އިނާމަށް އެ ދާއިރާ އިނާމު ވެސް ދޭން މި އަހަރު ގިންތިކޮށްފައިވާ ކަމަށެވެ.

 

މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސް ދެއްވާ ޚާއްޞަ އިނާމުގެ ތެރޭގައި ހިމެނޭ އަނެއް ގިންތިތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ ގިންތި އަކީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތި އެވެ. މިއީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވާ މީހުންނާއި، ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދައިފައިވާ ފަރާތްތަކަށް ހާއްސަ ގިންތިއެކެވެ.

 

މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކަނޑައަޅާ އެންމެ މަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒުން ދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށް ވެސް އެ ގިންތިން އިނާމު ދޭ ގޮތަށް، މިދިޔަ އަހަރުން ފެށިގެން ވަނީ ހަމަޖައްސައިފަ އެވެ.