ލ.އަތޮޅުގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ހަވީރު ނިންމަވާލައްވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހައްދުންމަތީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އެ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި ހުރިހާ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި، ހައްދުންމަތީގެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ހައްދުންމަތީ ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގުވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކުރުމާއި ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބް އިފުތިތާޙް ކުރުމާއި ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބުގެ ކޮންޓްރެކްޓް އެވޯޑްކޮށްފައިވަނީ ރައީސް ހައްދުންމައްޗަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިންނެވެ.
ރާއްޖޭގެ ހުރިހާ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސް މިއަހަރު ފެށްޓެވި ސިލްސިލާ ދަތުރުފުޅުތަކުގައި، ހައްދުންމައްޗަށް މިކުރެއްވި ދަތުރުފުޅާއެކު މިހާތަނަށް ވަނީ ޖުމްލަ 162 ލޯކަލް ކައުންސިލަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ އަމާޒަކީ ފަސްއަހަރުގެ މި ރިޔާސީ ދައުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުންކަމުގައެވެ.
ހައްދުންމައްޗަށް އެމަނިކުފާނު މި ކުރެއްވި ރަސްމީ ދަތުފުޅު ނިންމަވާލެއްވުމަށްފަހު، ނުރަސްމީ ދަތުރުފުޅެއްގައި އައްޑޫސިޓީއަށް މިއަދު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
