ދިވެހިރާއްޖޭގެ ތާރީހުގައި ހައްދުންމަތީގެ ނަން ފުރަތަމަ ފަހަރަށް ރަން އަކުރުން ލިޔެދެއްވި ރައީސަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ހައްދުންމަތީގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފޮނަދޫ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އަބްރުއްރަހީމް ވިދާޅުވީ ހައްދުންމައްޗަކީ ތަރައްގީގެ ފުރުސަތު ވަރަށް ބޮޑަށް އޮތް އަތޮޅެއް ކަމަށް ކޮންމެ ސަރުކާރަކުން ބުނަމުން ދިޔަނަމަވެސް އެކަން އޮތީ ދުލުން ބުނެވޭ ބަހެއް ނުވަތަ ކަރުދާހެއްގައި ލިޔެވިފައި އޮންނަ ލިޔުމެއްގެ ގޮތުގައި އެކަނި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ސަރުކާރެއްވެސް ނިމިގެންދާއިރު ހައްދުންމަތިވެސް އޮންނަ ކަމަށާއި ނަމަވެސް އެބުނާ ތަރައްގީއެއް ހައްދުންމަތިން ފެނިފައިނުވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ޒަމާނުއްސުރެ ހައްދުންމަތީގެ ރައްޔިތުން ކުރަމުން އައި އުއްމީދުތަކުގައި ކުލަ ޖެހޭ މަންޒަރު މިހާރު ފެންނަމުން އަންނަކަމަށެވެ. އަދި މާދަމާގެ ލޮލުން ހައްދުންމައްޗަށް ބަލާލާއިރު ފެނިގެންދަނީ ދިވެހިރާއްޖޭގެ އެންމެ ތަރައްގީވެފައި އޮންނަ އެއް އަތޮޅުގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މާދަމާގެ ލޮލުން ހައްދުންމަތި އަޅުގަނޑުމެން ބަލާލާއިރު، އަޅުގަނޑަށް ހަމަ ގައިމުވެސް ފެންނިގެންދަނީ ދިވެހިރާއްޖޭގެ އެންމެ ތަރައްގީވެފައި އޮތް އެއް އަތޮޅުގެ ގޮތުގައި. އިގްތިސާދީގޮތުން އެންމެ ކުރިއަރައިގެން ގޮސް އޮތް އަތޮޅުގެ ގޮތުގައި. ތަރައްގީގެ ގޮތުން އެންމެ އުސް ބޯޓުތައް ދަތުރުކޮށްފައި އޮތް އަތޮޅުގެ ގޮތުގައި. މިއީ ހައްދުންމަތީގެ ރައްޔިތުން ދެކެމުން އައި ހުވަފެނަކީ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެވަޑައިގަންނަވާ އެއްވެސް ވައުދުފުޅެއް ފުއްދަވާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށާއި އެމަނިކުފާނުގެ އަރިހުގައި ސާބިތުވެ ހުންނެވީ ދިވެހީންގެ ރާއްޖެއެއް ބިނާކުރުމުގެ މަތިވެރި ނިޔަތް އެމަނިކާފުނެގެ ހިތްޕުޅުގައި އޮތްކަން އެނގިލައްވާތީކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒަށް ވެރިކަން ދެއްވާފައިވާއިރު، ވެރިކަން ކުރުމުގެ މަގުވެސް އެމަނިކުފާނަށް ފަހިކޮށްދޭން ޖެހޭކަމަށެވެ. އެގޮތުން ވެރިކަމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އެމަނިކުފާނަށް އަދާކުރެއްވޭނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ސަރުކާރަށް ލިބިގެން ކަމަށާއި އެފަދައިން ރައްޔިތުން މަސައްކަތް ކޮށްދެއްވުމަށް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފައެވެ.