ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އާންމު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

Ads by Asuru

ރައީސް ނަޝީދު މިއަދު ހުށަހެޅުއްވި ގަރާރުގައި ވަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮންނަން ފެނިއްޖެ ނަމަ، ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ.

އެގޮތުން، ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ބޮޑުވަޒީރެއް ކަމުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އެންމެ އިސްވެރިޔާއަކީ އާންމުންގެ ވޯޓަކުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުމަށް ހުށަހަޅާފައިވެއެވެ.

އެމްޑީޕީގެ ނާއިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒުގެ ތާއީދާއެކު ހުށަހެޅި ގަރާރުގައި، މަޖިލިސް އިންތިޚާބުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ބަލައި، ޕާޓީއަށް ހާއްސަކުރެވޭ ނޭޝަނަލް ލިސްޓުގައި މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ހުށަހަޅުއްވާފައިވެއެވެ.

މީގެ އިތުރުން، ސަރުކާރު ހިންގާ ވަޒީރުންގެ މަޖިލީހަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެެއިން އެކުލަވާލެވޭ މަޖިލީހަކަށް ހެދުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށްވުރެ، އިތުރު ނުވާނޭހެން ހިފެހެއްޓުމަށް ވެސް ހުށަހަޅާފައިވެއެވެ.