ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާއެކު މަސައްކަތް ކުރައްވާނެ މެމްބަރުންތަކެއް ތިބި ރައްޔިތުންގެ މަޖިލީހެއް ލިބިގެންކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Ads by Asuru

ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދުގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައާ ގުޅޭ ގޮތުން ރައީސް މުއިއްޒުގެ ވަރަށް ސާފު ތަސައްވުރެއް އެބަ އޮތް ކަމަށާއި އެމަނިކުފާނު ވައުދުވެވަޑައިގެންފައިވަނީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކަމަށެވެ. އިހުސާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ތާއީދު ނެތި އެކަން ނުކުރެވޭނެ ކަމަށެވެ.

އިހުސާން ވިދާޅުވީ މަސްތުވާތަކެތީގައި ޒުވާން ޖީލެއް އެއްކޮށް ހަލާކުވެފައިވާކަމަށާއި އެކަމުގެ ޒިންމާ އެންމެން ނަގަން ޖެހޭ ކަމަށެވެ. އަދި މަސްތުވާތަކެއްޗާއި ގުޅިގެން ދިވެހިރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް އޭގެ އަސަރުތައް ކުރާކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ އެ އެންމެންގެ ހައްގުގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ.

އިހުސާން ވިދާޅުވީ ފާއިތުވި ދެ ދައުރުގައި ވެސް ވެރިކަން ކުރާ ފަރާތަށް މަޖިލީހުގެ މެޖޯރިޓީ ދެއްވާފައިވާކަމަށެވެ. އަދި މިހާރު އޮތް މަޖިލީހުންވެސް ރައީސް މުއިއްޒުގެ ސަރުކާރަށް ޖެއްސުން ކުރަމުންދާ ގޮތް ރައްޔިތުންނަށް ފެނިވަޑައިގެންފައިވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

އެގޮތަށް ކަންތައްތައް ތަކުރާރުވިޔަ ނުދީ، މިފަދަ އިޖްތިމާއީ މައްސަލަތަކަށް ހައްލު ގެނައުމަށްޓަކައި ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރުން ތާއީދުކުރާ މެމްބަރުންނަށް ވޯޓު ދެއްވުމަށް އިހުސާން އެދިވަޑައިގެންނެވިއެވެ.