ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ އެއް ވާހަކަފުޅަކީ، އެމަނިކުފާނުގެ ސަރުކާރަށް އެއްބާރުލުން ދޭނެ ރައްޔިތުންގެ މަޖިލީހެއް ދިވެހި ރައްޔިތުން ހޮއްވަވައި ދެއްވައިފިނަމަ، ރައްޔިތުން އެދޭ ތަރައްގީ ބާރު މިނުގައި ގެނެސްދެއްވާނެ ކަމަށް ވިދާޅުވާ ވާހަކަފުޅެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް ހަތަރު މަސް ވީއިރު، މިހާތަނަށް އެމަނިކުފާނު ވަނީ މުހިންމު ގިނަ ނިންމުންތަކެއް ނިންމަވައި، ގިނަ މަސައްކަތްތަކެއް ވެސް ފައްޓަވާފައެވެ. އެގޮތުން 500އަށްވުރެ ގިނަ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ދަނީ ހިންގަމުންނެވެ. އެކި ސަބަބުތަކާ ހެދި ނުފެށި ހުރި މަޝްރޫއުތައް ފެށުމަށް ވެސް ދަނީ ތައްޔާރު ވަމުންނެވެ.
ނަމަވެސް ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް އައު މަޝްރޫއުތައް ފެށުމަށާއި ނިންމުމަށް މަޖިލީހުގެ ދައުރުގެ މުހިންމުކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން، ރައީސް މުއިއްޒު ވިދާޅުވަނީ، ”އެތި އެތި ކޮޅުން ތަރައްގީ“ ހޯދުމުގެ ބަދަލުގައި، އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާއިއެކު އެކަން ކޮށްދެއްވާނެ ވެރިޔަކާއިއެކު ކުރިއަށް ދާން ރައްޔިތުން ނިންމަން ޖެހޭ ކަމަށެވެ. ފ.އަތޮޅަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ނިލަންދޫއަށް ވަޑައިގެން ވެސް ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވިއެވެ.
”އަޅުގަނޑު މި ހުރީ އެގޮތުގައި. ރައްޔިތުން އަޅުގަނޑާ ހަވާލު ކުރި ޒިންމާ، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި އެކީ، ޒިންމާދާރު ކަމާއިއެކީ، ރެއާއި ދުވާލު 24 ގަޑިއިރު އެ މަސައްކަތް ކުރުމުގައި.“ ފ.ނިލަންދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ މުޅި ޓީމުގެ ނިޔަތަކީ ވެސް، 24 ގަޑިއިރު ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ. އެގޮތުން ކެބިނެޓާއި، ކުންފުނިތަކުގެ ވެރީންނާއި، މަޖިލީހުގެ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ކެންޑިޑޭޓުންގެ ނިޔަތަކީ ވެސް އެއީ ކަމަށް ވިދާޅުވިއެވެ.
”އާދެ، އަޅުގަނޑަށް މުހިންމީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއިއެކު ހިދުމަތްދޭން.“ އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
ރައްޔްޔިތުންނަށް ހިދުމަތް ދޭއިރު، އެ ރައްޔިތެއްގެ ސިޔާސީ ވިސްނުމަކީ ކޮބައިތޯ ބެއްލެވުމަކީ އެމަނިކުފާނަށް މުހިންމު ކަމެއް ނޫން ކަމަށާއި، ކޮންމެ ސިޔާސީ ފިކުރަކަށް ތާއީދު ކުރިޔަސް، ހުރިހާ ރައްޔިތުން ވެސް ހަމަހަމަ ވާނެ ކަމަށް ރައީީސް ވިދާޅުވިއެވެ.
