އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލުމަކީ ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި މިކަންތައް މަގުބޫލުވެފައިވާއިރު ޓެކްނޮލޮޖީ ކުރިއަރާފައިވާ މި ޒަމާނުގައި ކުޑަކުދިންވެސް މިކަމުގެ ތެރެއަށް ވަދެގެންދާކަމީ ހިތާމަހުރިކަމެކެވެ.

Ads by Asuru

ރާއްޖޭގައިވެސް މި މައްސަލަ އިންތިހާއަށް ބޮޑުވެފައި އޮތް ނަމަވެސް މިކަންތައް ހުއްޓުވުމަށްޓަކައި އެއްވެސް ސަރުކާރަކުން އެދެވޭ މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް މިއަދު ވަނީ އެ ހަގީގަތް ބަދަލުވެފައެވެ. ބަރަހަނާ ސައިޓުތަކަށް ވަދެވެން ހުރި ދޮރުތައް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަންނަނީ ބަންދުކުރަމުންނެވެ.

ބަރަހަނާ މަންޒަރުތައް ބެލޭ ސައިޓުތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވާލެވިފައިވާ މައިދާނެކެވެ. މި ނާތަހުޒީބު ދޮރުތައް ބަންދުކުރަން ދިވެހިންގެ ގާނޫނާއި ދީން ވެރިޔާގެ މައްޗަށް ލާޒިމުކުރެއެވެ. ނޮވެމްބަރު މަހު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފައިވާއިރު، ޖެހިގެން އައި ޑިސެމްބަރު މަހު ވަނީ އެ މަސައްކަތުގައި އަމަލީ ކުލަ ޖައްސަވާފައެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ އިންޓަނެޓް މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހާ ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެކަމަށެވެ. އަދި ވެރިއެއްގެ ޒިންމާއަކީ ރަނގަޅު ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމާއެކު ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދޭނެ މަގު ފަހިކޮށްދިނުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ދިވެހި މުޖުތަމައު ފަސާދަކުރާ ހުރިހާ އިޖުތިމާއީ ބަލިމަޑުކަމެއްގެ ޖަރާސީމު ނައްތާލަން ގަދަ އަޅައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ބަރަހަނާ މަންޒަރުތައް ބެލުމަށް ދެވިހިފުމަކީ ސިކުނޑީގެ ނިޒާމު ހަލާކުކޮށް، ލޮޑުކޮށް، އޭނާގެ އުފެއްދުންތެރިކަން މަރާލާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް މީހާ ގަރަގުކޮށްލާ، މީހާ އެކަހެރިކޮށްލުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރުން ހަރުކަށި އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތުވެސް އޮންނަ ކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުންވެސް ގުޅުންތަކަށް އަސަރުކުރުމާއި އެނޫން އެހެން ކަންކަމަށް ޝައުގު ކުޑަވުމާއި ދަރިން ހޯދުމުގެ ފުރުސަތު ވެސް ކުޑަވެގެންދާކަމަށް ދިރާސާތަކުން ދައްކައެވެ.

މިފަދަ އެތައް ސަބަބުތަކާ ގުޅިގެން އިސްލާމް ދީން ވަނީ މާ ކުރިން މިފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައެވެ. އެއީ އިންސާނާއާއި ގައުމާއި މުޅި އިންސާނިއްޔަތުގެ ސަލާމަތަށްޓަކައެވެ. މިކަމުގެ މުހިންމުކަން އިހުސާސްކުރެވި، ފިޔަވަޅެއް އަޅަން ކެރުނު ހަމައެކަނީ ރައީސަކީ އަދުގެ ރައީސެވެ.

މި ސަރުކާރު ހިންގާނީ އިސްލާމީ ރިވެތި އުސޫލުތަކާއި އާދަތަކުގެ މަތިންކަމީ އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން، އަމަލުން ސާބިތުކުރަމުން އަންނަ ކަނއްތައްތަކެވެ.