މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވަވާ ދެ ކެންޑިޑޭޓަކު، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

Ads by Asuru

ޕީއެންސީގެ ފަރާތުން ތިމަރަފުށި ދާއިރާއަށް ވާދަކުރައްވަވާ ކެންޑިޑޭޓު، އަހުމަދު ރިޔާޒަށް ތާއިދު ހޯދުމަށް  ބޭއްވި ޖަލްސާއެއްގައި އެ ދާއިރާއަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ފާތިމަތު ޒިލްމާ ވަނީ، އަހުމަދު ރިޔާޒަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.

އަދި ޕީއެންސީން ރޭ ބޭއްވި ގުރައިދޫ ދާއިރާއަށް ވާދަކުރާ ހަނާން މުހައްމަދު ރަޝީދުގެ ކެމްޕޭން ޖަލްސާއެއްގައި އެ ދާއިރާއަށް ވާދަކުރައްވާ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ލީލާ އިބްރާހީމް މަނިކު ވަނީ، ހަނާނަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.

އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާގެ ތެރެއިން ޕްރޮގްރެސިވް ކޮންގްރެސްގެ ފަރާތުން 89 ދާއިރާއަކަށް ވާދަކުރެއެވެ.

އެ ކޯލިޝަނުން ވާދަ ނުކުރަނީ ސަރުކާރަށް ތާއީދު ކުރާ ޕާޓީތަކުގެ ލީޑަރުން ވާދަކުރައްވާ ދާއިރާތަކަށެވެ. އެ ދާއިރާތަކަށް ވާދަނުކުރަނީ ލީޑަރުންނަށް އެ ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ކުރިން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ވަނީ ބުނެފައެވެ.