އެމްޑީޕީގެ ކުރީ ސަރުކާރުގެ ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅިފަޅަށް ބަދަލުވުމަށް ހައުސިން މިނިސްޓްރީއިން ހުޅުވާލާފައިވާ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ރޭ 11:00އަށް އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީއިން ބުނީ އެ މުއްދަތު އިތުރުކޮށްފައި ވަނީ ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާތީ ކަމަށެވެ.

ހައުސިން މިނިސްޓްރީއިން ކުރިންވެސް އިއުލާނުކޮށްފައިވާ ފަދައިން ގުޅިފަޅަށް ބަދަލުވާން ބޭނުންވާ ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ހުށަހަޅާއިރު ގޯތި ލިބިފައިވާ ފަރާތްތަކުން އިގުރާރު ފުރިހަމަކޮށް ހުށަހެޅުމަށް ސަމާލުކަންދިނުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.

ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 193 ގޯއްޗާއި 1650 އަކަފޫޓުގެ 663 ގޯއްޗާއި 2050 އަކަފޫޓުގެ 487 ގޯއްޗާއި 2450 އަކަފޫޓުގެ 4 ގޯއްޗެވެ.

ހައުސިން މިނިސްޓްރީން އިތުރަށް ބުނީ ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅިފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށެވެ.