މިދިޔަ ފަސް އަހަރު ރާއްޖޭގައި ވެރިކަން ކުރި އެމްޑީޕީން، ދިވެހި ގައުމު ހަމަ މަގަށް އަޅުވަން އުޅޭއިރު، ވެރިކަން ލިބުމުން ގައުމުގެ މިސްރާބު ހުރީ އަނދަވަޅަކަށް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ވެރިކަމުގައި ހިނގާދިޔަ ”މުޑުދާރު“ ބައެއް ކަންކަން ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކަނޑައެޅި ތަރުޖަމާނު ހީނާ ވަލީދު ހަނދާން ކޮށްދެއްވައިފިއެވެ.

ހީނާ މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެންސްޕާގެ ސީ.އީ.އޯގެ މަގާމުގައި ވެސް ހުންނެވި ހީނާ ވަނީ، އެމްޑީޕީގެ ވެރިކަމުގައި ވަރަށް މުޑުދާރު އަމަލުތައް ހިނގައިދިޔަކަން ހަނދުމަކޮށްދެއްވާފައެވެ.

”ވެރިކަމަށް އައިސް އެންމެ ފުރަތަމަ ވެސް ހަމަ، ޖިންސީ ގޯނާކޮށްގެން ޖަލުގައި ހުންނެވި ބޭފުޅަކީ މިނިވަން ކުރެއްވީ، ދެން ހަމަ އެއަށްވުރެ ތަންކޮޅެއް ކައިރިން، ރޯޔަލް ރޭޕް ކޭސްގެ މައްސަލަ. މި މައްސަލައިގަ ވެސް އެންމެ ފަހުން، އެ ކެންޔާގެ އަންހެން މީހާ ޑީޕޯޓު ކޮށްލީ. ލިބުނު އިންސާފެއް ނެތް.“ ހީނާ ވިދާޅުވިއެވެ.

ހީނާ ވަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ނުވަތަ އެމްޑީޕީއާ ގުޅިފައިވާ ފިރިހެނުންތަކެއް އަލަމްގިރި ކިޔާ ބަންގްލަދޭޝްގެ ފިރިހެނަކާއިއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލަ ބަލާ ނިމުނުއިރު، ކުށްވެރިވެފައި ވަނީ، އަލަމްގިރި އެކަނި ކަމަށް ވިދާޅުވެ، އެކަމުގައި ހިމެނުނު މީހުންނަށް ވެސް އަދަބު ނުލިބޭކަން ފާހަގަކުރައްވާފައެވެ.

ހީނާ ވަލީދު ޕޯޑިއަމްއެއްގައި

”މިހިރީ ހަގީގަތުގައި އެމްޑީޕީގެ ސަރުކާރުގައި ކުރެވިފައިވާ ހަޑި މުޑުދާރު ކަންތައްތައް. މި ބޭފުޅުން މިހާރު މި ނުކުންނަނީ، ހަގީގަތުގައި، ގައުމުގެ މިސްރާބު ހަމަ މަގަށް އަޅުވަން. ދެން ތިބޭފުޅުން ނިކަން ވިސްނަވާބައްލަވާ، މިކަހަލަ ބަޔަކަށް ގައުމުގެ މިސްރާބު ހަމަ މަގަށް އެޅުވޭނީ ކޮންކަހަލަ ގޮތަކަށްތޯ؟“

އެމްޑީޕީގެ ވެރިކަން ނިމުނުއިރު، ގައުމުގެ މިސްރާބު އަނދަވަޅަކަށް ވައްޓާލާފައި އޮތުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަށް ގައުމު އެ އަނދަވަޅުން ނަގަން ޖެހިވަޑައިގެންފައިވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

އޭރު އުމުރުން 19 އަހަރުގެ އަލަމްގިރިއާއިއެކު ބައެއް ދިވެހި ފިރިހެނުން އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކެއް އާއްމުވީއިރު، އޭގެތެރޭގައި ފުލުހެއްގެ އިތުރުން  އެމްޑީޕީއާ ގުޅުން އޮތް ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ވީޑިއޯތައް ހިމެނެއެވެ.

މައްސަލައިގައި ހިމެނޭ ނާޒިމްގެ މައްޗަށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ކުށުގެ ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އެ ގާނޫނުގައިވާ ގޮތުން މީހަކާ އިނދެ ހުރެ ކުރި ކުށަކަށްވާނަމަ ކުށުގެ އަސާސީ އަދަބަކީ 09 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ކުށަށް އިއުތިރާފުވެ އަދި އެފަދަ ކުށެއް ނުކުރާނެކަމަށް ބުނެ ތައުބާވުމުންނާއި އެކަމަށް މާފަށް އެދުމުން އަދަބު ލުއިކޮށް އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމަކަށް ކަނޑައެޅިއެވެ. ނަމަވެސް އެ ހުކުމް ގޭ ބަންދުގެ ހުކުމަށް ބަދަލުކުރަން އެދިފައިވާ އެދުމަށް ރިއާޔަތްކުރައްވައި ގާޒީ ނިންމެވީ 03 މަހާއި 26 ދުވަހަށް ނާޒިމް ގޭ ބަންދު ކުރާށެވެ.

އޭނާ ވަނީ އެ މުއްދަތު ގޭގައި ހޭދަ ކުރުމުން މިނިވަން ވެފައެވެ.