އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، ”ހިންގާލަން“ ޓީމަށް ތާއީދުކޮށް ވޯޓު ދިން އެމްޑީޕީގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ފައްޔާޒު މިރޭ ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ މެމްބަރުން ދިން ވޯޓަކީ އެމްޑީޕީއާ ސަރުކާރާ އެއްކޮށް ގޮސް 2023 ކާމިޔާބުކޮށް މެމްބަރުން އެދުނު ގޮތަށް އެމްޑީޕީ ހިންގާލަން ދިން ވޯޓެއް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިކަމުގައި ދެގޮތެއް ނުވެ ހުންނަވާނެ ކަމަށެވެ.

އޭނާ ވަނީ ވޯޓަށް ނުކުމެވަޑައިގެންނެވި އެމްޑީޕީގެ މެމްބަރުންނަށް ޝުކުރުވެސް އަދާ ކުރައްވައިފައެވެ.

މިއަދު ކުރިއަށް ދިޔަ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އިމްތިޔާޒުގެ މައްޗަށް ފައްޔާޒު ކުރި ހޯއްދެވީ 7،000އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.

ޖުމްލަ 94،211 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި އޮތް މި އިންތިހާބުގައި މާލޭގައި 87 ވޯޓު ފޮށި ބެހެއްޓިއިރު, 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެއީ ޖުމްލަ ޖުމްލަ 281 ވޯޓު ފޮއްޓެވެ.

މިއަދު އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް، ހިންގާލަން ޓީމުގެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވަނީ ހޮވިވަޑައިގެންފައެވެ.