އެއްގޮތަކަށް ވެސް ސިޔާސީ މަސައްކަތުގައި އުޅުއްވަން ބޭނުންވެނުލައްވާ ކަމަށާއި، އެކަމުގައި އުޅުއްވުމުގެ ވިސްނުން ހުރީ ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވަންދެން ކަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް)ގެ ވަގުތީ ރައީސް އަދި ރައީސް ޔާމީންގެ ދަރިކަލުން ޒޭން ޔާމީން ވިދާޅުވެއްޖެއެވެ.

Ads by Asuru

އޮންލައިން ނޫސް ”އަދަދު“ އަށް އޭނާ ވިދާޅުވީ، ބައްޕާފުޅު، ކުރީގެ ރައީސް ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމާއިއެކު ސިޔާސީ ގޮތުން ހުރަސްތަކެއް ހުރުމުން، އޭނާ އަށް ސިޔާސީ ކަންކަމާ އުޅުއްވަން ޖެހިވަޑައިގަތީ ކަމަށެވެ. އެހެންވެ، ޕީއެންއެފްގެ މުއައްސިސަކަށް ވުމަށް އަމިއްލަ އިސްނެންގެވުމަށް، އެދިލެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވަންދެން، ސިޔާސީ ކަންކަމުގައި އުޅުއްވާނެ ކަމަށް ވެސް ޒޭން ވިދާޅުވިއެވެ.

ޕީއެންއެފްގެ ރައީސްގެ މަގާމަށް ޝައުގުވެރިކަން ހުރިތޯ ސުވާލު ކުރުމުން ޒޭން ވިދާޅުވީ އެފަދަ ޝައުގުވެރިކަމެއް ނެތް ކަމަށާއި،  ޕީއެންއެފްގެ ރައީސް އަކީ ރައީސް ޔާމީން ކަމަށެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވާފައިވާއިރު، މިހާރު އެ ޕާޓީން އިންތިޒާރު ކުރަމުންދަނީ، ޕާޓީގެ ރަޖިސްޓްރީ ލިޔުން ލިބުމަށް ކަމަށް ވެސް ޒޭން ވިދާޅުވިއެވެ.