ފާއިތުވި އަހަރުގެ މާޗު މަހާ އަޅާބަލާއިރު، މި އަހަރުގެ މާޗު މަހު ޑެންގީ ހުމުގެ ކޭސްތައް މަދުވެއްޖެއެވެ.

Ads by Asuru

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނީ 2023 ވަނަ އަހަރުގެ މާޗު މަހު ޑެންގީ ހުން ޖެހިގެން 228 މީހުން ރިޕޯޓު ކުރި ކަމަށެވެ. ނަމަވެސް މި އަހަރުގެ މާޗު މަހުގައި، އެ ބަލި ޖެހިގެން ރިޕޯޓު ކުރީ 119 މީހުންނެވެ.

ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު، މާޗު މަހު އެ ބަލީގެ ކޭސްތައް ގިނައެވެ. ފެބްރުއަރީ މަހު، ބަލި ޖެހިގެން ރިޕޯޓު ކުރީ 116 މީހުންނެވެ. އަދި މާޗު މަހު ބަލި ޖެހިގެން ރިޕޯޓު ކުރީ 119 މީހުންނެވެ.

އެޗެޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޑެންގީ ހުން، އަރިދަފުސް ރޯގާ އަދި ބޭރަށްހިންގުން ވެސް މިދިޔަ މަހު ވަނީ އިތުރުވެފައެވެ. ފެބްރުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން 29،184 މީހުން ރިޕޯޓު ކުރިއިރު، މާރިޗު މަހު 33،637 މީހުން ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވެއެވެ. ފެބްރުއަރީ މަހު ބޭރަށް ހިންގުން ޖެހިގެން 29،184 މީހުން ރިޕޯޓު ކުރިއިރު، މާޗު މަހު 33،637 މީހުންނަށް ބަލި ޖެހުނެވެ.

ބަލިތައް އިތުރުވެފައިވީ ނަމަވެސް، އެޗްޕީއޭއިން ބުނީ މިދިޔަ މަހު އިންފްލުއެންޒާ ފެތުރުނު މިންވަރު ދަށްވެފައިވާ ކަމަށެވެ. އެގޮތުން، ފެބްރުއަރީ މަހު 31 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާއިރު، މާޗު މަހު ޕޮޒިޓިވްވީ 26 މީހުންނެވެ.