ސަރުކާރުން ތަރައްގީ ގެނެސްދޭން މަސައްކަތް ކުރާއިރު، އެކަމަށް ހުރަސް އަޅާނެ ބަޔަކު ރައްޔިތުންގެ މަޖިލީހަށް ވައްދަން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ، ރޭ ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ފާއިތުވި ފަސް މަސް ދުވަހު، ސަރުކާރުން ކުރި މަސައްކަތަކީ ތަރައްގީ ޔަގީން ކުރުމުގެ މަސައްކަތެވެ.

”ތަރައްގީ ބޭނުންވޭ، އަޅުގަނޑުމެން މިތިބީ ތަރައްގީ ގެންނަން. ތިއްބާ އެއަށް ހުރަސް އަޅާނެ ބަޔަކު ތި ބޭފުޅުން ހޮވަންވީ ސަބަބެއް އަޅުގަނޑަކަށް ހިއެއް ނުވޭ އެއްވެސް މީހަކު ގަބޫލު ކުރާނެހެނެއް، އޮންނާނެ ކަމަކަށް.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ރާއްޖޭގެ 93 ދާއިރާގެ ރައްޔިތުން ވެސް ތަރައްގީއަށް ވޯޓު ދޭނެ ކަމަށް އެމަނިކުފާނު ޔަގީން ކުރައްވާ ކަމަށެވެ.

”ހަގީގަތަށް ވާން އުޅެފަ ނުވެ ދިޔަ ތަރައްގީ، ޔަގީންކަމާއިއެކީގައި މި ފަސް އަހަރު، ތިބޭފުޅުންގެ ތަރައްގީ ހާސިލު ކުރުމަށްޓަކާ އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮއްވަވައިދެއްވާނެ ކަމަށް އަޅުގަނޑު ޔަގީން ކުރަން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމުގައި ހަމަޖެހުން ނެތި، ހާސިލުވާނެ ތަރައްގީއެއް ނެތް ކަމަށާއި، ރައްޔިތުންނަކީ ޒިންމާ، އަދާ ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

ސަރުކާރަށް ހުރަސް އަޅައި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހަމަނުޖެހުން އުފައްދައި ގަޑުބަޑު ކުރަން އުޅޭ ބަޔަކަށް އެ ފުރުސަތު ދިނުމަކީ ދުވަހަކު ވެސް ގައުމަށް ހަމަޖެހުން އަންނާނެ ކަމެއް ނޫން ކަމަށް ވެސް ރައީީސް ވިދާާޅުވިއެވެ.

ރައީީސް ވިދާޅުވީ މާލެ ސިޓީގެ 17 ގޮނޑި ވެސް، ސަރުކާރު ކެންޑިޑޭޓުންނަށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ބޭނުމަކީ ނަތީޖާ ނެރެދިނުން ކަމަށެވެ.