ނިމިދިޔަ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގައި ކުރިއަށްގެންގޮސްފައިވާ ތަރައްގީގެ ބޮޑު މަޝްރޫއެއް ފެންނަން ނެތް ކަމީ ދައުރެއް ބޭކާރުވެގެން ދިޔަ ކަމަށް ރައްޔިތުން ނުހަނު ހިތާމަކުރާ ކަމެކެވެ.

Ads by Asuru

ވެރިކަން ހިންގަން ތިބި މީހުންގެ އަމިއްލަ މަސްލަހަތު އިސްކޮށް، ޕާޓީގެ އިސްވެރިންނާއި މެމްބަރުން ފިޔަވާ އާއްމު ރައްޔިތަކަށްވި އެއްވެސް ފައިދާއެއް ނެތްކަމީ ރައްޔިތުން ގަބޫލުކުރާ ހިތި ހަގީގަތެކެވެ. އެމްޑީޕީގެ މި އާދަ ގައުމުން އެކަހެރިކޮށްލުމަށްޓަކައި ރައްޔިތުން އެދި އެދި ތިއްބާ، އެ ރައްޔިތުންގެ ޝަކުވާތައް އަޑު އައްސަވާ، އެކަމަށް ހައްލެއް ހުށަހަޅަން ކެރުނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށެވެ.

އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ތެރޭގައި ރައްޔިތުންގެ އަރިހަށް ދަތުރުފުޅުތައް ކުރައްވާ، އެ ރައްޔިތުން ބޭނުންވާ ކަންތައްތަކަށް ހައްލު ގެނައުމަށް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށްދޭނެ ވެރިއަކު ރައްޔިތުން އިންތިހާބު ކުރީ އެހެންވެއެވެ.

ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތައްވެސް އެމްޑީޕީ ސަރުކާރުން ހުއްޓާލާފައި ހުރީ އެބޭފުޅުންގެ އަމިއްލަ މަސްލަހަތު އިސްކޮށް، ކޮރަޕްޝަނުގެ މުޑުދާރު އަމަލުތަކުން އަމިއްލަ ޖީބުތައް މުއްސަނދިކުރުމަށް ހިންގި ޖަރީމާތަކުންނެވެ. މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި ވަނީ އަނދުން އަޅުވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ރައްޔިތުން އެޔަށްވުރެ މާ ހޭލުންތެރިކަން ރިޔާސީ އިންތިހާބުގެ ނަތީޖާއިން ވަނީ ދައްކައިދީފައެވެ.

ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން އަންނަ ވާހަކައަކީ މި ސަރުކާރަކީ ނަތީޖާ ނެރެދޭނެ ސަރުކާރެއް ކަމަށެވެ. އަނގައިން ހަމައެކަނި އެހެން ވިދާޅުވުމުގެ ބަދަލުގައި، މި ސަރުކާރާއި އިދިކޮޅު މަޖިލީހެއް އޮތް އިރުވެސް ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި އަންނަނީ ނަތީޖާ ނެރެދެއްވަމުންނެވެ. ރައްޔިތުން އެންމެ އުފާ ކުރާ ކަމަކީ، ބިޔަ މަޝްރޫއުތަކުގައިވެސް ދައުރުގެ ކުރީކޮޅު އެމަނިކުފާނު ކުލަޖައްސަވަމުން އަންނަ ކަމެވެ.

ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮވެވެސް ރައްޔިތުން ފުދުންތެރިކޮށް، ރައްޔިތުން މުއްސަނދިކުރުމަށްޓަކައި އެ ރައްޔިތުންގެ ހައްގުގައި އެމްޑީޕީއަށް ގެނެސްދެވުނު ތަރައްގީއެއް ނެތެވެ.

ރާއްޖޭގެ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމުގައިވާ ”ރަސްމާލެ“ ބިން ހިއްކުމުގެ މަޝްރޫއު ރައީސް މުއިއްޒު އިފްތިތާހުކޮށްދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް އަލި އަޅުލާވާއިރު ރާއްޖޭގެ ހުރިހާ ރައްޔިތުން މި ދައުރުގެ ތެރޭގައި ދެގޮރުވެރިކުރުވުމަކީ ރައީސް މުއިއްޒު އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތެވެ. އެ ނަތީޖާ ހާސިލުކުރުމަށްޓަކައި އެމަނިކުފާނު ވަނީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވާފައެވެ. އަދި ގުޅީފަޅާއި، ގިރާވަރު ފަޅާއި ހުޅުމާލެ ތިން ވަނަ ފޭސް ވެސް އިތުރަށް ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރައްޔިތުންގެ ހައްގުގައި އެ ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަށްޓަކައެވެ.

https://twitter.com/malshasharyf/status/1780478464514236650?t=cez1LSxrpQufKnk79XDC1A&s=19ނަމަވެސް ވޭތުވެދިޔަ އެމްޑީޕީ ސަރުކާރަށް ބަލާއިރު، ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 4000 ފްލެޓުވެސް ނިންމޭ ގޮތެއް ނުވިއެވެ. އެ މަސައްކަތް ވަކި ތާރީހަކަށް ނިމޭނެ ކަމަށް ބުނެ ރައްޔިތުންނަށް އެތައް ފަހަރެއްގެ މަތިން ދޮގުތައް ވަނީ ހަދާފައެވެ. މިހާރު އެ މަސައްކަތްވެސް ”މުއިއްޒު ސްޕީޑު“ގައި ކުރިއަށްދަނީ ރައީސް މުއިއްޒު މި ސަރުކާރާއި ހަވާލުވެވަޑައިގަތް ފަހުންނެވެ.

އެމްޑީޕީ ސަރުކާރުން ކުރަން އުޅެ ނުކުރެވުނު އަނެއް ބޮޑު ކަމަކީ ތިލަމާލެ ބްރިޖެވެ. އެ ބްރިޖުގެ މަސައްކަތްވެސް 2023 ވަނަ އަހަރު ނިމޭނެކަމަށް ބުނަމުން ދިޔަ އިރު، ސާބިތުކަމާއެކު ބްރިޖުގެ ތަނބެއްވެސް އެމްޑީޕީ ސަރުކާރަކަށް ޖެހިފައެއް ނެތެވެ. މަސައްކަތުގެ ދިރާސާ ފެށީވެސް ފަރަށް ބޮޑު ގެއްލުމެއް ދީގެންނެވެ.

މިފަދަ މަޝްރޫއުތަކަކީ ރައްޔިތުންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައި ހުރި މަޝްރޫއުތަކަށް ވާއިރު، އެއިން އެއްވެސް ތަރައްގީއެއް އެމްޑީޕީ ސަރުކާރަކަށް ހާސިލުކޮށްދެވިފައެއް ނުވެއެވެ. އެޔާ ހިލާފަށް ރައީސް މުއިއްޒަކީ ނަމޫނާ ރައީސެކެވެ. އެމަނިކުފާނަކީ ރައްޔިތުންގެ ހައްގުގައާއި، ރައްޔިތުންގެ މުދަލުގައި ނުވަތަ ރައްޔިތުންގެ ފައިސާގައި ޖެހޭނެ ބޭފުޅެއް ނޫނެވެ.