ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒަށް ސިފައިންގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) އިން ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ލިބިދޭ ބާރުގެ ދަށުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ދަފްތަރު ނަންބަރު ރސ 5012، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، މިއަދު އައްޔަނު ކުރައްވައިފިއެވެ.

Ads by Asuru

މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަން ކުރައްވާފައި ވަނީ ކުރިން ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ފުރުއްވަމުންގެންދެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، 17 އެޕްރީލް 2024 ގައި ރިޓަޔަރކުރެއްވުމާއި ގުޅިގެންނެވެ.

މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވައި، އެކަމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މީގެ އިތުރުން ގާނޫނު ނަންބަރު 1/2008 (ސިފައިންގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އިން ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލިބިދޭ ބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، މިއަދު ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މއ. ސެކަންޑްޕްލޭސް، ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ގިޔާސް އައްޔަންކުރައްވާފައެވެ.