ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ ފާހަގަކުރެވިފައި އޮންނަނީ ބާރު އޮންނަ ބައެއްގެ ނުފޫޒު އަބަދުވެސް ހިނގާ ދާއިރާއެއްގެ ގޮތުގައެވެ. މިކަން ނިމުމަކަށް ގެނައުމަށްޓަކައި މިކަމާ ގުޅޭ ވާހަކަވެސް ދެއްކެވި ފުރަތަމަ ރައީސަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ.

Ads by Asuru

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެސް އަދި މިހާރުވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން އަންނަ ވާހަކައަކީ މި ސަރުކާރަކީ ޖުޑިޝަރީއަށް އަތް ބާނާނެ ސަރުކާރެއް ނޫން ކަމަށެވެ.

މިކަން ރައްޔިތުންނަށް މިއަދު ސާބިތުވެގެން މިދިޔައީ ކުރީގެ ރައީސް ޔާމީނުގެ އިސްތިއުނާފުގެ މައްސަލައިގައި މިއަދު ހުކުމް އިއްވާ، އެމަނިކުފާނު މިނިވަންވުމާ ގުޅިގެންނެވެ.

ޔާމީން މިނިވަން ކުރުމަށްޓަކައި ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައިވެސް ގޮވާލައްވާފައެވެ. އަދި ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމާއެކުވެސް، އެ ހިނދުން ފެށިގެން ޝަރުއީ ދާއިރާ މިނިވަންވެފައިވާކަމަށް ވަނީ އިއުލާނުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ދިމާކޮށް ރޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައިވެސް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް މި ސަރުކާރުން ޖެއްސުން ނުކުރާނެ ކަމަށާއި، ޔާމީން މިނިވަން ވެއްޖެނަމަ ފެނިގެންދާނީ ރާއްޖޭގައި ރައީސްކަން ކުރައްވާފައި ތިބި ހުރިހާ ބޭފުޅުންވެސް މިނިވަންކަމާއެކު އުޅެމުންދާތަން ކަމަށެވެ.

ވެރިކަން ނިމުމަށްފަހު މީގެ ކުރީގައި ކަންކުރި ގޮތަށް އެބޭފުޅުން ހައްޔަރުކޮށްގެން ބަދަލު ހިފުމުގެ ރޫހުގެ ތެރޭގައި މި ގައުމު ގެންދަން ބޭނުން ނުވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮންޓްރޯލް އޮތީ މިހާރުގެ މަޖިލީހުގެ މެޖޯރިޓީ އޮތް ބޭފުޅުންގެ އަތްމަތީގައި ކަމަށް ވިދާޅުވިއެވެ.

އެގޮތުން ޖޭއެސްސީގެ ރައީސަކީވެސް އެމްޑީޕީ ބޭފުޅެއްޅެއް ކަމަށާއި މަޖިލީހުގެ ރައީސަކީވެސް އެމްޑީޕީގެ ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ހުރިހާ ދުވަހު މައްސަލަ ތާވާލުނުކޮށް ހިފެހެއްޓީވެސް އެބޭފުޅުން ކަމަށާއި، އަދި އެބޭފުޅުން ބޭނުންފުޅުވުމުން މައްސަލަ ތާވަލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ހުކުމާ ހަމަޔަށް ގޮސް ހައި ކޯޓުގައި މަޑުޖެހިފައި އޮންނަތާ ހަތަރު މަސްވެފައިވާ މި މައްސަލައިގެ ހުކުމް މިއަދު އިއްވާފައި މިވަނީ ހުކުމް ކުރުމުގެ މަރުހަލާގައި އެހާ ބޮޑަށް ލަސްވެފައިވާ މައްސަލަ ބަލަން ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް މިފަހުން ވިދާޅުވެފައިވަނިކޮށެވެ. އޭގެން ދޭހަވަގެންދަނީ އެބޭފުޅުންގެ ބާރު އަދިވެސް ޖުޑިޝަރީތެރޭގައި ހިނގާ ކަމެވެ. ރައީސް ވިދާޅުވާ ގޮތުގައި ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަން ކުރަން ޖެހެނީ މިހެންވެއެވެ.

ޕީޕީއެމްގެ ޗީޕް ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވައިފިކަމަށާއި، ޖުޑިޝަރީގެ މައްޗަށް ރައީސްގެ ނުފޫޒެއް ނެތްކަން ވަރަށް ސާފުކޮށް ސާބިތުވެއްޖެ ކަމަށެވެ.

ހީނާ ވިދާޅުވީ މިއަދު ހާމަވެގެން ދިޔައީ ވޭތުވެދިޔަ 5 އަހަރު ޔާމީނަށް އަނިޔާދީ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނީ އެމްޑީޕީން ކަމަށެވެ. އަދި ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތުން މަހުރޫމްކޮށް، ކޯޓުތަކަށް ނުފޫޒު ފޯރުވީވެސް ސީދާ އެމްޑީޕީން ކަމަށާއި، އެއްވެސް ލުޔެއް ނުދޯ ރޯދަ މަހުވެސް ޖަލު ގޮޅީގައި ބޭއްވީ ހަމަ އެމްޑީޕީން ކަމަށް ހީނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ ފާތިމަތު ތައުފީގް ވެސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭތުވެދިޔަ 5 އަހަރު ޔާމީނަށް އަނިޔާދީ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނީ އެމްޑީޕީން ކަމަށާއި، އިންތިހާބު ބޮއިކޮޓް ކުރަން އުޅުނީ އެމްޑީޕީއާ ވެރިކަން ހަވާލުކުރިނަމަ ޔާމީން މިނިވަން ނުވާނެ ކަމުގެ ޔަގީންކަން އޮވުމުން ކަމަށެވެ. އަދި މިއަދު ޔާމީނު މިނިވަންވެގެން އެދިޔައީ ޝަރުއީ ނިޒާމުގެ ތެރެއިން އެއްވެސް ރައީސް މުއިއްޒުގެ ވެރިކަމުގައި އެއްވެސް ނުފޫޒެއް ނެތި ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަލްޝާ މިއަދު ވަނީ ފަސް އަހަރުގެ އަނިޔާވެރިކަން ނިމުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީނަށް މަރުހަބާ ދަންނަވާފައެވެ. އަދި އިންތިހާބު ބޮއިކޮޓް ކުރިނަމަ މިދުވަސް ނައިސް ކަމަށާއި، މިކަން ކުރެވުނީ އެންމެ މަހެއްހާ ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯދުމުގެ ސަބަބުން ކަމަށް މަލްޝާ ވިދާޅުވިއެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލުވެސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުޑިޝަރީގެ މައްޗަށް ރައީސް މުއިއްޒުގެ ނުފޫޒެއް ނެތް ކަމަށާއި، ސިޔާސީ ގޮތުން ހިޔާލު ތަފާތު ފަރާތްތަކުން އެމަނިކުފާނުގެ މައްޗަށް ކުރަމުން އައި ދޮގު އިލްޒާމުތަކަކީ އަސްލެއް ނެތް ފިތުނަކަން މިއަދު އެނގިގެން ހިނގައްޖެ ކަމަށެވެ.

އެމްޑީޕީން މީގެ ކުރިން ބުނަމުން އައީ ރައީސް ޔާމީނަކީ ކުށްވެރިއެއް ކަމަށެވެ. ނަމަވެސް މިއަދު އެމަނިކުފާނަކީ ކުށްވެރިއެއް ނޫންކަމަށް އެމްޑީޕީން ބުނަމުން އަންނަ އިރު، ރައްޔިތުން ތިބީ އެ ވާހަކަތައް ހަމަޖައްސާނެ ގޮތެއް ނޭނގިފައެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން ކޯޓުތަކަށް ފޯރުވަމުން އައި ނުފޫޒު މިއަދު ނިމުމަކަށް އައިސްފިއެވެ.

އެމްޑީޕީން މިވީހާ ދުވަހު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަދަމުން އައި ދޮގު މިއަދު ޔަގީންވެ، ހާމަވެގެން ހިނގައްޖެއެވެ.