މީހުންނާއި ދިމާލަށް މެއްސާއި، މާބުރަށް ގޮވުން އެމްޑީޕީ މެމްބަރުން ބަލައިނުގަންނަކަން ހާމަވެގެން ގޮސްފައިވާ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
އިންތިހާބުގެ ކާމިޔާބީއަށް ފަހު ރޭ ނޫސްވެރިންނާ ވާހަކަދައްކަމުން ރޮޒެއިނާ ވިދާޅުވީ އެމްޑީޕީ އަށް މިއަދު ވަންނަ މީހާއަކީ ވެސް އެ ޕާޓީގެ މެމްބަރެއްކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި އެމީހަކު މިނެކިރަން ވާނީ ޕާޓީ އަށް ކޮށްދޭ ހިދުމަތަކަށް ބިނާކޮށް ކަމަށާއި ކުރިން ޕާޓީއެއްގައި އުޅުނޭ ކިޔާފައި ތަފާތުކުރުން ގެންގުޅުން ބަލައިނުގަންނާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ އެގޮތަށް ކަން ކުރުމުން އެމްޑީޕީ އަށް މީހުން ވަނުމުގެ ޝައުގުވެރިކަން ކުޑަވެގެންދާ ކަމަށާއި އެމްޑީޕީ އަކީ އެހެން މީހުންނަށް މަރުހަބާ ކިޔާ ޕާޓީއަކަށް ވާންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ރޮޒެއިނާ ވަނީ އިންތިހާބުގެ ނަތީޖާ އިން ރީތި ޑިމޮކްރެޓިކް އުސޫލުތަކެއް އެ ޕާޓީގެ ގިނަ މެމްބަރުން ބަލައިގަންނަކަން އެނގިގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.
އަދި އަސްލު އެމްޑީޕީ އާއި ނަސްލު އެމްޑީޕީ އަކީ އެމްޑީޕީ މެމްބަރުން ބަލައިގަންނަ ކަމެއް ނޫންކަން ވެސް އެނގިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.