ގާކޮށި އަދި އަރަބިއްޔާ ފްލެޓަށް ޝަރުތު ހަމަވެ، ނުލިބުނު މީހުންނަށް މިހާރު ކުރިއަށްދާ ހައުސިން މަޝްރޫއުތަކުން ފްލެޓު ދޭން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން މިކަން ހާމަކޮށް މިއަދު ނެރުނު ބަޔާނެއްގައިބބުނީ، މި ސަރުކާރުން އެކުލަވާލާފައިވާ ބޯހިޔާވަހިކަމަށް ޖުމްލަ ހައްލެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، ކުރީ ސަރުކާރުތަކުގެ ހައުސިން މަޝްރޫއުތަކުން، ގެދޮރު ލިބުމުން މަހުރޫމް ވެފައިވާ ފަރާތްތަކަށް އެންމެ އަވަހަށް ކުރިއަށް ގެންދާ މަޝްރޫއުތަކުން ލިބިފައިވާ ބޯހިޔާވަހިކަމަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި، ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން 2010 ވަނަ އަހަރު ހުޅުވާލި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއު ގާކޮށި އަދި އަރަބިއްޔާގައި އިމާރާތްކުރި ޓާޓާ ފްލެޓުތަކަށް ޝަރުތު ހަމަވި ނަމަވެސް، ފްލެޓު ލިބުމުން މަހުރޫމްވެފައިވާ ފަރާތްތަކާއި، އެ މަޝްރޫއު އިން ފްލެޓު ހޯދަން ބޮޑު އިންޓެރެސްޓެއްގައި ލޯނު ހަމަޖައްސަން ޖެހުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެއްވެސް މަޝްރޫއުއަކުން ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާާތްތަކަށް މިހާރު އިމާރާާތް ކުރަމުންދާ ހައުސިން މަޝްރޫއުތަކުން ބޯހިޔާވަހިކަން ދޭން ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ، ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ހައްލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅެވެ.

އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ، ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، ބޯހިޔާވަހިކަމުގެ އަސާސީ ހައްގުން މަހުރޫމުވެފައިވާ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށެވެ.