ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނާއިއެކުގައި، އެ ކޯލިޝަންގެ ލީޑަރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހިނގާލުމެއްގައި ބައިވެރިވެވަޑައިގަންނަވަމުން އެބަ ގެންދަވައެވެ.

Ads by Asuru

މިއީ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ކެމްޕެއިން ނިންމައިލާ ބޮޑު ހިނގާލުމެވެ.

ޕީޕީއެމް/ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއިއެކު، މި ހިނގާލުން ފެށީ މިއަދު ހަވީރު 3:30ގައެވެ.

ރަސްފަންނުން ފެށި ހިނގާލުން ނިންމާލަން ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗު ސަރަހައްދަށެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާ އަކަށް ކެންޑިޑޭޓުން ވާދަ ކުރައްވައެވެ.

މި އިންތިހާބުގައި ސަރުކާރަށް ތާއީދު ކުރައްވާ ކެންޑިޑޭޓުން ހޮއްވަވައިދިނުމަށާއި، ތަރައްގީ ގެނައުމުގައި ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ އަރިހުން އިލްތިމާސް ކުރައްވާފައެވެ.

ކެމްޕެއިން އިވެންޓެއްގައި ރައީސް ވަނީ، ސަރުކާރު ހިންގުމުގެ ބާރު ޕީޕީއެމް/ޕީއެންސީ އަށް ދިނުމަށް ފަހު، ސަރުކާރަށް ހުރަސް އެޅުމުގެ ފުރުސަތު އެހެން ބަޔަކަށް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.