ޕީޕީއެމް/ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަވާ 93 ކެންޑިޑޭޓުން މަސައްކަތް ކުރައްވާނީ، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް އެހީވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ، މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ނިންމައިލުމަށް މިހާރު ކުރިއަށްދާ ”ދިވެހީންގެ ހިނގާން“ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވަނީ، ރައްޔިތުންނާއި ގުޅުންހުރި މުހިންމު ބިލެއް ފާސް ކުރާއިރު، ޕާޓީގެ ވިޕާ ހިލާފަށް ވޯޓު ނުދިނުމަށް، އިދިކޮޅު ކެންޑިޑޭޓުން، އެކަމަކާ ދެކޮޅަށް ވެސް ވޯޓު ދެއްވާފާނެ ކަމަށާއި، ނަމަވެސް ސަރުކާރު ކެންޑިޑޭޓުން މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ހެވަށް ކަމަށެވެ.

”އަޅުގަނޑުމެންގެ 93 ކެންޑިޑޭޓުން މަސައްކަތް ކުރައްވާނީ ގައުމަށްޓަކާ، ގައުމީ ޖޯޝުގައި އެ ބޭފުޅުން މަސައްކަތް ކުރައްވާނީ.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިއަދު ވެސް ތަކުރާރުކޮށް ދެއްވި ޔަގީންކަމަކީ ސަރުކާރަށް ތާއީދު ކުރައްވާ ކެންޑިޑޭޓުން މަޖިލީހަށް ހޮއްވަވައިފިނަމަ، ވައުދުތައް ފުރިހަމައަށް ފުއްދަވާނެކަމުގެ ޔަގީންކަމެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވީ ވެސް ވައުދުތައް ”އަކުރުން އަކުރަށް، ރަނުން ރަނަށް ފުއްދުމަށް“ ‏ކަމަށެވެ.