ތަރައްގީ ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުއާ ދަންނަވާ ކަމުގައި، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

Ads by Asuru

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސުޕަރ މެޖޯރިޓީ ނެގީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއެވެ. ބޮޑެތި ސިޓީތަކުގެ މެޖޯރިޓީއާއިއެކު، ޕީއެންސީން 73 ގޮނޑި ހޯދިއެވެ.

މި ކާމިޔާބީއާއި ގުޅިގެން ނައިބު ރައީސް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގއ ހިކުމަތްތެރި ވިސްނުންފުޅާއެކު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ހޯދި ފުރިހަމަ ކާމިޔާބީއަށް އެންމެހާ ކެންޑިޑޭޓުންނަށާއި ވޯޓު ދެއްވި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ހޫނު މަރުހަބާއަކާއި ޝުކުރެއް ދަންނަވާ ކަމަށެވެ.

”ދުއާ އަކީ ގައުމީ ތަރައްގީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް މި ކުރާ ބުރަ މަސައްކަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުން.“

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ލިބުނީ 12 ގޮނޑިއެވެ.

ސަރުކާރާ ގުޅިފައިވާ އެމްޑީއޭއިން ދެ ގޮނޑި ނެގިއިރު، ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީއަށް ވެސް އެއް ގޮނޑި ލިބުނެވެ.