ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަޒުލު ކުރަން ރައްޔިތުން ޖާގަ ނުދޭނެކަން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން ސާފުވެއްޖެ ކަމަށް މަޖިލީހުގެ އިންތިހާބުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހީނާ ވިދާޅުވީ، ފަސް އަހަރު ދުވަހަށް ރައްޔިތުން ވެރިއަކު ހޮވާ، ޒިންމާތަކެއް ހަވާލުކުރެވިފައި ވަނިކޮށް ހީލަތްތެރި ރޭވުންތަކުގެ ތެރެއިން ރައީސް އަޒުލުކުރަން ރައްޔިތުން ޖާގައެއް ނުދޭނެކަން އިންތިހާބުގެ ނަތީޖާއިން ސާފުވެގެން ގޮސްފައިވާ ކަމަށެވެ.
”ރައްޔިތުން މި ޤައުމުގައި ހަމަޖެހުމާއި އަމާންކަން ދެމިއޮންނަން ބޭނުންވާކަން.“ހީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ޑރ.މުއިއްޒު އަށް ރައްޔިތުންގެ އިތުބާރާއި ލޯބި އޮތްކަމާއި، އެމަނިކުފާނުގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުކުރާކަމާއި މިކުޑަ ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުންނަށްޓަކައި އެމަނިކުފާނު ކޮށްދެއްވި ކަންކަން ބަލައިގެންފައިވާކަން ވެސް މި އިންތިހާބުގެ ނަތީޖާއިން ޔަގީން ވެއްޖެ ކަމަށެވެ.
އިދިކޮޅުން ރައީސް ޑރ.މުއިއްޒުގެ އަބުރު ކަތިލާ، އެއްވެސް އަމާޒެއް ސިޔާސަތެއްނެތި އެންޓި ކެމްޕެއިންކޮށް، އެމަނިކުފާނުގެ ބޮލުގައި ދޮގު އިލްޒާމް އަޅުވަން އެކި ރިޕޯޓް ނެރެ، އެކި ދިމަދިމާލަށް މަންދޫބުން ފޮނުވައިގެން އެކިކަހަލަ އުކުޅުތައް ބޭނުންކުރިޔަސް، ދޮގާ މަކަރާ ހީލަތް ރައްޔިތުން ބަލައިނުގަންނަކަން މި އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔަ ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ އިތުރަށް ވިދާޅުވީ ރައީސް ޑރ.މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމަށެވެ.
އިއްޔެ ބޭއްވި މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޕީއެންސީއަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައެވެ.