ގައުމަށް ތަރައްގީ ގެނައުމަށްޓަކައި ސަރުކާރާއި އެކީގައި ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ސިޔާސީ ޕާޓީތަކަށް ގޮވާލައްވައިފިއެވެ.

Ads by Asuru

މަޖިލިސް އިންތިހާބުގައި ސަރުކާރުން ހޯދި ކާމިޔާބީއާއި ގުޅިގެން އުފާ ފާޅުކުރުމަށް މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ގައުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ގައުމު ކަމަށާއި ހިޔާލު ތަފާތުވުންތައް ދޫކޮށް، ހުރިހާ ސިޔާސީ ބޭފުޅުންވެސް އަދި ސިޔާސީ ޕާޓީތައްވެސް އެކުވެރިކަމާއެކު މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކުވެސް ހަމަހަމަވާނެ ކަމަށާއި ސިޔާސީ ވިސްނުން ހުރިގޮތަކުން އެއްވެސް ބޭފުޅަކަށް އަޅުއްވާނެ ފިޔަވަޅެއް ނޯންނާނެ ކަމަށެވެ.

އެހެންވީމަ ހުރިހާ ސިޔާސީ ޕާޓީތަކަށާއި، އެ ޕާޓީތަކުގެ ލީޑަރުންނަށާއި މެމްބަރުންނަށް އަޅުގަނޑު މި ދަންނަވަނީ ހިންގަވާށޭ ކުރިއަށްދާން. މި ގައުމު ތަރައްގީކޮށް ކުރިއަށްގެންދިއުމަކީ އަޅުގަނޑުމެން އެންމެންގެވެސް ފަހުރަކަށް ހަދަމާ ހިނގާށޭ. އަޅުގަނޑުމެން އެންމެން އެކުވެރިކަމާ އެކީގައި ކުރިއަށްދިޔައިމާ އެންމެން ތިބޭނީ އުފަލުގައި.

ރައީސް ވިދާޅުވީ ދެން ފެނިގެންދާނީ ހުރިހާ ރައްޔިތުންވެސް އެދިއެދި ތިބި ތަރައްގީ ކަމަށެވެ. އަދި މި ގައުމުގައި އިސްލާމީ ނޫރު އިތުރަށް ވިދާނެގޮތަށް ގައުމުގެ ކަންކަން ކުރިއަށްގެންދިއުމަށާއި، އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވުމާއި އެކުވެރިކަން އާލާކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މާޒީއަށް މާޒީ ދޫކޮށްލުމަށްފަހު އެކުވެރިކަމާއެކު ކުރިއަށްދާން މަސައްކަތް ކޮށްފިނަމަ މުސްތަގުބަލު ވަރަށް އުޖާލާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް މި އެކުވެރިކަން ވަރަށް މުހިންމު ކަމަށާއި ވަތަނީ އަޒުމު އާކޮށްފިނަމަ މިއޮތް ހުރިހާ ދުވަހު ރައްޔިތުންނަށް ނުވެ ހުރި ކަންކަން ވާތަން ފެނިގެންދާނެކަމަށެވެ.