ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މުޅި ކެމްޕެއިން ވަނީ، އޭރުގެ އިދިކޮޅު ލީޑަރު، ރައީީސް ޔާމީން އަބްދުލްގައްޔޫމާ ވަރަށް ބޮޑަށް ގުޅިފައެވެ.

Ads by Asuru

މި ސަރުކާރަށް ފާޑުކިޔާ ފަރާާތްތަކުން ބުނާ ގޮތުން ނަމަ، ރައީސް މުއިއްޒުއަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގަތީ، ފިޔާތޮށި ކުލައިގެ ”‏ހުސް ގޮނޑި“އެއް ދައްކައިގެންނެވެ. ނުވަތަ ރައީސް ޔާމީންގެ ”ބްލެސިން“އާއި އެކުގައެވެ. އެހެންނޫންނަމަ، ރައީސް މުއިއްޒުއަށް ވެރިކަމުގެ ވަސް ފޯރާ ހިސާބަށް ވެސް ނާދެވުނީސް ކަމަށް އެ ބަޔަކު ބުނެއެވެ.

ރައީީސް ޔާމީނަކީ އޭރު އެންމެ މަގުބޫލު ސިޔާސީ ލީޑަރު ކަމާމެދު ދެބަސް ވަނީކީ ނޫނެވެ. އެމްޑީޕީގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ބަންދުގައި ހޭދަ ކުރައްވަމުން ދަނިކޮށް، ގއ.ވޮޑަމުއްލާ މައްސަލައިން މިނިވަންވެވަޑައިގެން ބޭއްވެވި އެންމެ ފުރަތަމަ ޖަލްސާއަށް ވެސް ހޫނު ތަރުހީބެއް ލިބުނެވެ. އެވަރުގެ ސަޕޯޓެއް އޭރު އެހެން ލީޑަރަކަށް ނެތްކަމާ މެދު ވެސް ޝައްކެއް ނެތެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ޔާމީންގެ ހުސްގޮނޑި. ފޮޓޯ: މިހާރު

ނަމަވެސް ހަގީގަތަކީ ރިޔާސީ ކެމްޕެއިނުގައި، ރައީސް މުއިއްޒު ގެންގުޅުއްވީ ހަމައެކަނި އެ ހުސްގޮނޑިއާއި ރައީސް ޔާމީންގެ ފޮޓޯފުޅު އެކަނި ނޫންކަމެވެ. 19 ބާބެއްގެ މައްޗަށް އެކުލެވިގެންވާ، ތަރައްގީގެ ތަސައްވުރަކާއިއެކު ރައްޔިތުންނަށް އެތައް އުއްމީދުތަކެއް ދިން މެނިފެސްޓޯއެއް ވެސް ދެއްކެވިއެވެ. ހައުސިން މިނިސްޓަރުގެ މަގާމުގައި ހަތް އަހަރު މަސައްކަތް ކުރައްވައި، ގިނަ ހިދުމަތްތަކެއް ކުރެއްވި ރައީސް މުއިއްޒު ރައްޔިތުންނަށް ތަރައްގީގެ ޔަގީންކަން ދެއްވިއެވެ. އެންމެ ބޮޑު ހާާސްކަމަކަށް ވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް، ހުރިހާ ރައްޔިތުންނަށް ގޯތި ގެދޮރުގެ ޔަގީންކަން ދެއްވިއެވެ.

ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރައްވާނެ ކަމާއި، މިނިވަންކަމުގެ ރަތް ރޮނގު ހުރަސްކުރުމުގެ ފުރުސަތު، އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށާއި، އެމަނިކުފާނަކީ ޕްރޯ-މޯލްޑިވްސް ބޭފުޅެއް ކަމުގައި ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ. ކެެމްޕެއިން ދުވަސްވަރު ދެއްކެވިހާ ވާހަކަފުޅުތަކެއް އަކުރުން އަކުރަށް ލިޔުއްވައި ރައްޔިތުންނަށް ފެންނާނޭހެން އާއްމު ކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު، ވާހަކަފުޅު ދައްކަވަނީ.

ރައްޔިތުން ތާއީދު ކުރީ ހުސްގޮނޑިއަކަށް ނުވަތަ، ވަކި ބޭފުޅެއްގެ ފޮޓޯގަނޑަކަށް ނޫންކަން، އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން މިވަނީ ބުނެދީފައެވެ.

ރައްޔިތުން އިތުބާރު ކުރީ ރައީީސް މުއިއްޒުގެ ތަރައްގީގެ ފިކުރަށެވެ. ގައުމީ ވިސްނުމާއި، ދީނީ ޝިއާރުތައް ނަގަހައްޓަވާނެ ކަމަށް ދެއްވި ޔަގީންކަމަކީ ދިވެހީންގެ ތާއީދު އެމަނިކުފާނަށް ލިބުނު ސަބަބުތަކެވެ.

މަޖިލީހުގެ 66 ‏ގޮނޑިއާއިއެކު ޕީއެންސީ އަށް ސުޕަރ މެޖޯރިޓީ ދިން ސަބަބުތަކުގެ ތެރޭގައި، ވެރިކަމުގެ ފުރަތަމަ ފަސް މަސް ދުވަސް ތެރޭގައި ވެސް، ވައުދުފުޅުތައް ފުއްދެވުމަށް ދެއްވި އިސްކަމާއި، ރަށްރަށަށް ވަޑައިގެން، ކުރު މުއްދަތެއްގެ ތެރޭގައި ކައުންސިލުތަކާއި ބައްދަލު ކުރައްވަވައި، ރައްޔިތުންނާއި ގާތްގުޅުމެއް އުފެއްދެވުން ހިމެނޭނެކަން ކަށަވަރެވެ.

މަޖިލިސް ކެމްޕެއިނުގައި ވެސް ރައީސް މުއިއްޒު ކުރެއްވެވީ އާދަޔާ ހިލާފު ބުރަ މަސައްކަތްޕުޅެކެވެ. އެމަނިކުފާނުގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދޭންވީ ސަބަބުތަކާއި، ތަރައްގީއަށް ހުރަސް އެޅުމުގެ ފުރުސަތު އެހެން ބަޔަކަށް ނުދޭންވީ ސަބަބުތައް ރައީސް ގެންދެވީ ސާފުކޮށް ވިދާޅުވެދެއްވަމުންނެވެ.