މެލޭޝިއާގެ އަސްކަރީ ޕެރޭޑެއްގެ ރިހާސަލްގެ ތެރެއިން ފޯމޭޝަންގައި ދަތުރުކުރަމުން ދަނިކޮށް އެގައުމުގެ ކަނޑުގެ ސިފައިންގެ ދެ ހެލިކޮޕްޓަރެއް ވައިގެ ތެރޭގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 10 މީހުން މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ ދެ ބޯޓުގައި ތިބި 10 ފަޅުވެރިންނެވެ.
މި ހާދިސާ ހިނގާފައިވަނީ މެލޭޝިއާގެ ރޯޔަލް ނޭވީ ބޭސްއެއް ހުންނަ މެލޭޝިއާގެ އަވަށެއް ކަމަށްވާ ލުމުޓްގައި މެލޭޝިއާ ގަޑިން 09:30 ހާއިރުއެވެ.
ރޯޔަލް މެލޭޝިއަން ނޭވީން ބުނީ މަރުވި އެންމެން ވެސް ސައިޓުގައި މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި ހަށިތައް ދެނެގަތުމަށް މިލިޓަރީ ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށް ކޮމިޓީއެއް އެކުލަވާލާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އޭގެ ތެރެއިން އެއް ހެލިކޮޕްޓަރު ކަމަށްވާ އެޗްއޯއެމް އެމް503-3 މަރުކާގެ ހެލިކޮޕްޓަރުގައި ހަތް މީހުން ތިބި އިރު އެ ހެލިކޮޕްޓަރު ވެއްޓުނީ ދުވާ ޓްރެކަކަށް ކަމަށް ބެލެވެއެވެ. އަނެއް ހެލިކޮޕްޓަރުގައި ތިން މީހުން ތިބި އިރު އެ ހެލިކޮޕްޓަރު ވެއްޓުނީ ފެނެކް އެމް502-6 މަރުކާގެ މަތިންދާ ބޯޓެއް ކައިރީގައި ހުރި ސްވިމިން ޕޫލަކަށެވެ.
ސްޓޭޓްގެ ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މެލޭޝިއާ ގަޑިން 09:50 ހާއިރު ކަމަށެވެ.