ރައީސް ޔާމީން އަބްދުލްގައްޔޫމަށް ވަރަށް ބޮޑަށް އިހްތިރާމް ކުރައްވާ ކަމަށާއި، އެހެންނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީީސް ޑރ.މުހައްމަދު މުއިއްޒު ހުންނެވިކަން ކަމުގައި ޕީއެންސީގެ ޗެއާޕާސަން، އަދި ލ.ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ޕީއެސްއެމްގެ ޝޯއެއްގައި، އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން، ޕީޕީއެމުން ވަކިވެވަޑައިގެންނެވީ އަމިއްލަފުޅަށް ކަމަށާއި، އެ ނިންމެވުމުގެ ކުރިން އޭނާ އާއި އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް ގޮވައިލެއްވުމުން، އަނެއް ދުވަހު އޭރުގެ ސަރުކާރުން އެމަނިކުފާނު ގެއަށް ބަދަލު ކުރުމުން، ރައީސް މުއިއްޒު ހިނެނިވަޑައިގަންނަވާހެން، ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ވަޑައިގެންނެވި ކަމަށާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކަންކަމުގައި ވެސް އެމަނިކުފާނާ މަޝްވަރާ ކުރައްވަމުން ގެންދެވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ފަސް މެމްބަރުންގެ ކޮމެޓީއަކުން އެ މަޝްވަރާތައް ކުރައްވަމުން ގެންދެވިއިރު، ރައީީސް ޔާމީން ޕާޓީން ވަކިވެވަޑައިގަންނަަވަން ނިންމެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”ދެން އަޅުގަނޑަކަށް ރައީސް ޔާމީން ނުގުޅުއްވާ، ޕާޓީން ވަކިވެވަޑައިގަންނަވަން، ދެން، އެކަމު އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވި، ރައީސް ޔާމީން ވިދާޅުވިއޭ، ޕާޓީން ވަކިވެވަޑައިގަންނަވަނީއޭ. އެހެންވީމަ، އަމިއްލަފުޅު ނިންމެވުމެއް، ޕާޓީން ވަކިވެވަޑައިގަތުމަކީ. އަޅުގަނޑުމެންގެ ފަރާތުން އެއްވެސް ކަމެއް މެދުވެރިގެން ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ވަރަށް ގަދަރާއި، އިހްތިރާމް ކުރައްވާ ކަމަށާއި، އެމަނިކުފާނު ގައުމަށް ކޮށްދެއްވި ހިދުމަތްތައް އުފަލާއިއެކު ބަލައިގަންނަ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

”މި ގައުމަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ރައީސް ޔާމީން އަކީ. އެކަމަކު މިއަދުގެ ހަގީގަތަކީ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ ޑރ.މުހައްމަދު މުއިއްޒު.“

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ރައީީސް މުއިއްޒުއަށް ވެރިކަން ދިނީ ރައްޔިތުން ކަމަށާއި، އެމަނިކުފާނު އިންތިހާބު ކުރީ، ހިދުމަތުގެ މާޒީއެއް އޮވެ، އެމަނިކުފާނުގެ މެނިފެސްޓޯ ވެސް ގަބޫލު ކުރާތީ ކަމަށެވެ.