އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެންމެ ބޮޑު ފެއިލިއަރ އަކީ ގައުމަށް ހިދުމަތް ކުރުމުގެ ކެޕޭސިޓީ ނެތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރު އަބްދުއްރަހީމް އަބްދުއްލާ ވިދާޅުވެއްޖެއެވެ.

Ads by Asuru

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީއާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުން ދެފަހަރު ވެރިކަން ދިން ކަމަށާއި، ދެ ވެރިކަމުގެ ތެރޭގައިވެސް އެ ޕާޓީގެ ސަރުކާރަށް ރައްޔިތުންނަށް ހިދުމަތް ކުރެވިފައި ނުވާކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރަސީގައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ދައުރު ނުނިމެނީސް ދިމާވި މައްސަލަތަކަށް ހައްލު ނުގެނެވިގެން އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވީ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އޭރު އެމްޑީޕީ ސަރުކާރުން ވިދާޅުވަމުން އައީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބުމުން ރައްޔިތުންނަށް ހިދުމަތް ނުކޮށްދެވުނީ ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަންދީ، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީވެސް ދިންއިރު، ރައްޔިތުން އެދުނު ތަރައްގީ ހޯދައި ނުދެވުނު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނިގެން ދިޔައީ އަޅުވެތިކަމާ ދިމާލަށް ދިވެހި ގައުމު ދަތުރު ފެށިތަން ކަމަށެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަން ގެއްލުމާއި، އިގްތިސާދީ ގޮތުން ފުން ވަޅުގަނޑަކަށް ގައުމު ވެއްޓިގެންދާތަން ފެނިގެން ދިޔަކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ 2023 ވަނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް ނޫނެކޭ ބުނީ މިކަންކަމަށް ވިސްނުމަށްފަހު ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުންނަށާއި ގައުމަށް ހިދުމަތް ކުރުމުގެ ކެޕޭސިޓީ ނެތް ކަމަށެވެ. އަދި މުޅި ގައުމުގެ މަސްލަހަތާއި މަންފާއަށްވުރެ ބޮޑަށް އެމްޑީޕީން އިސްކޮށްފައިވަނީ އެބޭފުޅުންގެ މަސްލަހަތާއި މަންފާކަމަށާއި، އެކަންކަން ރައްޔިތުން ބަލައި ނުގަތީކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ”އަސްލު އެމްޑީޕީ“ މިހާރު ނުފެންނަކަމަށާއި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނީ އެ ސަބަބާހުރެކަން ގަބޫލު ކުރައްވާ ކަމަށެވެ.

މިސާލަކަށް މިއަދު އެމްޑީޕީގެ ރައީސަކަށް ހުރީ އަބްދުއްލާ ޝާހިދު. އަސްލު އެމްޑީޕީ މެމްބަރުންނެއް ގަބޫލެއް ނުކުރާނެ އަބްދުއްލާ ޝާހިދު އެއީ އެމްޑީޕީ ކަމަކަށެއް، އިނގޭތޯ. ދެން ހަމަ މަތި ފަޑީގައި ތިބި އެހެން މީހުންނަށް ބަލާއިރު އެކަހަލަ ގޮތަކަށް ހުރީ. ދެން ހުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. އިބްރާހިމް މުހައްމަދު ސޯލިހަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އިދިކޮޅުގައި ޕާޓީއެއް ހިފަހައްޓައިގެން ކުރިއަށްވަޑައިގެންނެވޭ ވަރުގެ ލީޑަރޝިޕެއް ހުރި ހެނެއް.

އަބްދުއްރަހީމް ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެބޭފުޅާގެ މާ ވަރުގަދަ ލީޑަރޝިޕެއް އޮވެގެން ނޫންކަމަށާއި އޭރު ދިމާވި ހާލަތަކާއި ގުޅިގެން ޓިކެޓު ލިބިވަޑައިގެންނެވީ ކަމަށެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ޝާހިދުގެވެސް އަމިއްލަ އެޖެންޑާއެއް އޮންނާނެ ކަމަށާއި އެ ދެބޭފުޅުންނަށް އެއްކޮށް އެއް އަމާޒަކަށް މަސައްކަތް ކުރެވޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީ އިތުރަށްވެސް ވާނީ ބައިބައި ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވަންކަމަށް ބުނެ އެ ޕާޓީއަށް ކުރެވޭނެ މާ ބޮޑު މަސައްކަތްތަކެއް ނޯންނާނެ ކަމަށެވެ. އަދި އެ ޕާޓީ އަލުން އެކުވެ ވަރުގަދަވާން ޒަމާންތަކެއް ނަގާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.