ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ޑިޒައިންތައް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ދައްކަވާލައްވައިފިއެވެ.

Ads by Asuru

ރާއްޖޭގެ ތިން ސަރަހައްދެއްގައި އަލަށް އިމާރާތްކުރާ މިސްކިތްތަކުގެ ޑިޒައިން ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މިސްކިތްތައް ބިނާކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ފޭސް 2 އަދި ރ. އަލިފުށީގެ އިތުރުން އައްޑޫ ސިޓީގައެވެ. އަމިއްލަ ފަރާތްތަކުގެ ހަރަދުގައި ތިން މިސްކިތެއް އެޅުމުގެ އެއްބަސްވުމުގައި މި އަހަރު ޖެނުއަރީ 24 ވަނަ ދުވަހު ސޮއިކޮށްފައިވެއެވެ.

މިނިސްޓަރު ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 300، 500 އަދި 700 މީހުންގެ ޖާގައިގެ އަލަށް އިމާރާތްކުރާ މިސްކިތްތަކުގެ ޑިޒައިންތައް ނިމިފައިވާ ކަމަށެވެ.

މި މިސްކިތްތައް ފަރުމާކޮށްފައި ވަނީ މަޝްރޫއުގެ ބައެއްގެ ގޮތުގައި ސޯލާ ހަރުކުރެވޭ ގޮތައްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިސްކިތްތަށް އިމާރާތްކޮށް ނިމޭ އިރު ހުންނާނީ އޭސީ ވެސް ހަރުކުރެވިފައި ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރިޔަން އިން ފަރުމާ ކޮށްފައިވާ މި މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ޖޫން މަހު ފެށިގެން ދާނެކަމަށެވެ.