ގާނޫނުއަސާސީގެ ދަށުން ހިޔާލު ފާޅުކުރެވޭނީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެެއެވެ.

Ads by Asuru

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނުގައި ހަރާމް ކަންކަން ހުއްދަވާ ގޮތަށް ވާހަކަ ދެއްކުމަކީ ރާއްޖޭގައި ކުށެއް ކަމަށެވެ.

ޖަމީލު މިހެން ވިދާޅުވެފައި މިވަނީ ލިވާތު ކުރި ކަަމަށް ތުހުމަތު ކުރެވުނު ތިން މީހަކު ދޫކޮށްލުމުން، އެކަމުގެ ދިފާއުގައި އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެގޮތުން އެ ޕާޓީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް(އިބްރާ) ވަނީ ލިވާތު ކުރުމުގެ ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބަހައްޓަން ނުޖެހޭ ކަމަށާއި، އެމީހުން ދޫވެފައި ތިބުމަކީ މުޖްތަމައުއަށް ނުރައްކަލެއް ނޫން ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފައެވެ.

އެފަދަ މީހުންނާ މެދު ލަސްނުކޮށް ފިޔަވަޅު އަޅަން ޖެހޭ. ވެރިކަން އޮތުމީ ކޮންމެ ވާހަކައެއް ދެއްކުމުގެ ލައިސެންސެއް ނޫން.

ޔޯގާ އިވެންޓްގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންނާއި ލިވާތު މައްސަލާގައި ހައްޔަރުކުރި މީހުން އަޅާކިޔައި، އިބްރާ ވިދާޅުވީ ލިވާތުގެ ތުހުމަތުކުރެވުނު މީހުންނަކީ އެ މީހުންގެ ސަބަބުން އިތުރު ބަޔަކަށް ނުރައްކާވާ ބައެއް ނޫން ކަމަށެވެ.

”ލިވާތު ކުރިކަމަށް ތުހުމަތުވާ މީހުން، ތަހުގީގު ނިމުނީމަ ޝަރީއަތުގެ ހުކުމެއް ނެތްހާ ހިނދަކު ބަންދުކޮށްފައި ނުބޭތިއްބޭނެ.“ އިބުރާ ވިދާޅުވިއެވެ.