ބޯކޮށް ވާރޭ ވެހުމާއެކު ކަނޑުވެސް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މި އެލާޓް ނެރެފައި ވަނީ މިރޭ 12:00 އާ ހަމައަށެވެ.
މެޓުގެ އެލާޓްގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލައަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
އަދި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40-45 މޭލަށް ވައިގަދަވުން އެކަށިގެންވާ ކަމަށް މެޓުން ބުނެއެވެ.