އަންނަ ޖުލައި މަހު ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްއަށް ކޮލިފައިވި ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ، އެނބުރި މާލެ އައުމުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

Ads by Asuru

ނޭޕާލުގައި ކުރިއަށްދިޔަ ކޮލިފިކޭޝަންގެ ޗެމްޕިއަންކަން ހޯދައި އުމުރުން އެންމެ 16 އަހަރުގައި ދީމާ މި ވަނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުން ޖާގަ ހޯދާފައެވެ.

ދީމާ އަކީ ކޮލިފައިންގައި ކުޅެ، އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުކަން ފާހަގަކޮށްލެވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދީމާ ފޭބުމާއެކު މަރުހަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި، އެ ވުޒާރާގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިންނެވެ.

ދީމާ މާލެ އައުމާއެކު ސްޕޯޓްސް މިނިސްޓްރީން ވަނީ ޒުވާނުން މަރުކަޒުގެ އެތެރޭ ހޯލުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.