ރާއްޖޭގެ ފަންސާސް ކައުންސިލެއްގެ އިމާރާތް އެޅުމަށް ބޭނުންވާ ވަސީލަތްތައް ޗައިނާއިން ލިބޭގޮތް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ސަރވިސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިހެން ވިދާޅުވީ، ގދ. ހަނިމާދޫގައި މިހާރު ކުރިއަށްދާ ”ފަނޯއްލަ“ ދަރުބާރުގައި ވާހަކަ ދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލްތަކުގެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ދިނުމަށްޓަކައި އާ އޮފީސް އިމާރާތްތަކެއް ކޮންމެހެން ބޭނުންވެފައިވާ ކައުންސިލްތައް އެބަހުރި ކަމަށާއި، އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަތޮޅު ތެރޭގައި ސަރުކާރުން އަޅައިދޭން ނިންމާފައިވާ 50 ކައުންސިލްގެ އިދާރާއަށް ބޭނުންވާ ވަސީލަތްތައް ޗައިނާ ސަރުކާރުން ލިބޭނެ ކަމަށެވެ.

އަދި މި އަހަރު ތެރޭގައި އެ 50 ކައުންސިލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށާއި ކުރިއަށް އޮތްތަނުގައި އެހެން ކައުންސިލްތަކަށް ވެސް ރަނގަޅު ގޮތްތައް ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.