މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އެމްޑީޕީ އިން ކުރާނެ ކަމަށް އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ސޯލިހު ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ގައުމީ މަސައްކަތެއް ކުރީ އެމްޑީޕީ އިން ކަމަށެވެ.
އެގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި މަސައްކަތްތެރިންގެ ގާނޫނެއް ވުޖޫދު ކުރުވުމަކީ އެމްޑީޕީ އިން ފަހުރުވެރިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
”މި މޭޑޭގައި އަޅުގަނޑުމެން ޔަގީންކަން އަރުވަން، މަސައްކަތްތެރިންގެ ހައްގުތަކަށް ފުރިހަމަ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނެކަމުގެ“ ރައީސް ސޯލިހު ވިދާޅުވިއެވެ.
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައި އެމްޑީޕީ އިން ދެމި އޮންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އިރު، މި ފަސް އަހަރުގެ ތެރޭގައި މަސައްކަތްތެރިންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމަކީ އުއްމީދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
