ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ގިސޯސްގެ ހުކުމް ހިމަނައިދެއްވީ އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށް ވިދާޅުވެ، ޖަމިއްޔަތުލް ސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ މުޙައްމަދު، ރައީސް ޔާމީނަށް ތައުރީފު ކުރައްވައިފިއެވެ.

Ads by Asuru

ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ސަލަފުގެ ރައީސް މިހެން ވިދާޅުވެފައިވަނީ ހޯމް މިނިސްޓްރީގެ ޑިރެކްޓަރ އަހުމަދު މަޢުރޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

މައުރޫފް ކުރެއްވި ޓްވީޓުގައި ވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެ، މީގެ ކުރިން ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ދެއްކެވި ވާހަކައަށް ފާޑުވިދާޅުވި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދާއި، ސަލަފު ޖަމުއިއްޔާއާއި، ޝެއިހު ހަސަން ފިކުރީ މެން ފަދަ ބޭފުޅުން ކޮބައިތޯ އައްސަވާފައެވެ.

މައުރޫފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ސަލަފްގެ ރައީސް ވިދާޅުވީ މިއަދުވެސް އެބޭފުޅުން ތިއްބެވީ އިއްޔެވެސް ތިބި ގޮތަށް ކަމަށާއި، ރައީސް ޔާމީން އެމަނިކުފާނުގެ ވެރިކަމުގައި ގިސޯސް ހިފުމަށް ފުރުސަތު ދޭނެކަމަށް ވިދާޅުވި ކަމަށެވެ.

ޤާނޫނުލް އުޤޫބާތުގައި ޤިޞޯޞްގެ ޙުކުމް ނެތިފައިވަނިކޮށް އޭގައި އެޙުކުމް ހިމަނައިދެއްވީ އެމަނިކުފާނެވެ. އޮޅުވައިނުލައްވާށެވެ!!

ގިނަ ދުވަސްތަކަކަށްފަހު ރައީސް ޔާމީން ވަނީ ބުރާސްފަތި ދުވަހުގެ ރޭ، ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އެމަނިކުފާނު ”ޕެޝަނޭޓްލީ“ ގަބޫލުފުޅު ކުރައްވާ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރުމަށް ބައެއް ހުރަސްތައް ހުރިކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.