ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބޭލުމުގެ ވައުދު ފުއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ގައުމުގެ ސިފައިންގެ އެންމެ ފަހު ބެޗު، މި މަހު 10ގެ ކުރިން، ތާވަލާއި އެއްގޮތަށް ފައިބާނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

Ads by Asuru

އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެކުލަވާލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ހަތަރު ވަނަ ބައްދަލުވުން އިއްޔެ އިންޑިއާގެ ވެރިރަށް، ނިއު ދިއްލީގައި ވަނީ ބާއްވާފައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ތިބި އިންޑިއާގެ އޭވިއޭޝަންގެ ތިން ޕްލެޓްފޯމްގެ ތެރެއިން އެންމެ ފަހު ޕްލެޓްފޯމްގައި ތިބި ސިފައިން ބަދަލުކުރުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހަމަޖެހިފައިވާ ކަމަށެވެ.

”އެކަމަކުގެ ލޮޖިސްޓިކް ހުރިހާ އިންތިޒާމެއް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަން ދެ ފަރާތުން ވެސް ހިތްހަމަޖެހުމާއެކު ފާހަގަކުރި.“ އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅެވެ. އެމަނިކުފާނު ތަކުރާރުކޮށް ދެއްވި ޔަގީންކަމަކީ ރާއްޖޭގައި ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ނުބައިތިއްބާނެ ކަމުގެ ޔަގީންކަމެވެ