ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ”ރައީސްގެ ޖަވާބު“ ސިލްސިލާއަށް އާންމުންނަށް ސުވާލު ފޮނުވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Asuru

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިކަން ހާމަ ކުރައްވައި ވިދާޅުވީ ”ރައީސްގެ ޖަވާބު“ ޕްރޮގްރާމްގެ ތެރެއިން ސުވާލު ކުރުމުގެ ފުރުސަތު ލިބެނީ ރައީސް އޮފީހުގެ މުވައްޒަފުން މަގުމައްޗަށް ނިކުމެ ސުވާލު ކުރާ ފަރާތްތަކަށާއި ރައީސް މުއިއްޒު ވަޑައިގަންނަވާ ރަށްތަކުގެ މީހުންނަށް ކަމަށެވެ.

އެހެންވެ، މި ސިލްސިލާ ޕްރޮގްރާމުގެ ތެރެއިން ސުވާލުކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެން މިހާރު މިމަސައްކަތް ކުރަނީ، ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށް ކޮންމެ ބޭފުޅަކަށް ފޮނުވޭނެ ނިޒާމެއް ޤާއިމް ކުރުމަށް“ ހީނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނާ ގާާތް ގުޅުމެއް ބާއްވަވާނެ ކަމަށާއި، މި ސަރުކާރުން ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމަށެވެ.

ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަމުން އަންނަ ”އަހާ“ ފޯރަމް ވެސް ސަރުކާރުން ވަނީ ފަށާފައެވެ.