މަސްވެރިކަމާ ބެހޭ ކޮލެޖެއް ގާއިމުކޮށް މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެ ކޮލެޖުގެ ކޯސްތަކުގެ ކިޔެވުން ފަށާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ބުނެފިއެވެ.

Ads by Asuru
ރާއްޖޭގައި މަސްވެރިކަމާ ބެހޭ ކޮލެޖެއް ހުޅުވައި އެތަނުން ކޯސްތަކެއް ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
އެމަނިކުފާނު މިކަން ފުރަތަމަ އިއުލާންކުރެއްވީ މިދިޔަ އަހަރު ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާ ގައެވެ.

މާލޭގައި މި ކޮލެޖު ގާއިމުކޮށް ހިންގުމުގެ ހުރިހާ ޒިންމާއެއް ހަވާލުކުރަން ސަރުކާރުން ނިންމާފައި އޮތީވެސް އެމްއެންޔޫއަށެވެ.

ނޫސްވެރިންނަށް އިއްޔެ މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މަސްވެރިކަމާ ބެހޭ ކޮލެޖެ ގާއިމުކޮށް ފުރަތަމަ މަރުހަލާގައި ކުރު ކޯސްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މި ކޮލެޖު ގާއިމުކުރުމާ އެކު އެމްއެންޔޫގައި މިހާރު ހިންގާ މަސްވެރިކަމާ ގުޅޭ އެކި ކޯސްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިންގާނީ އެ ކޮލެޖުން ކަމުގައިވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސްވެރިކަމުގެ އިތުރުން ދަނޑުވެރިކަމުގެ ކޯސްތަކެއް ވެސް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އަދި އަލަށް ފަށާ ކޯސްތައް އެކްރެޑިޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.