ތެލަސީމިއާ ބަލި ތަހައްމަލު ކުރާ ކުދިންގެ ފުރިހަމަ ދުޅަހެޔޮ ކަމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

Ads by Asuru

އެމަނިކުފާނު މި ޔަގީންކަން ދެއްވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލަސީމިއާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ސަރުކާރުން އެކުދީންގެ ފުރިހަމަ ދުޅަހެޔޮކަމަށްޓަކާ މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެ، ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ކުދިންނަށްޓަކައި، ހިތުގައި ވަނީ، ލޯތްބާއި އޯގާތެރިކަން ކަމުގައި ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 08 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ތެލަސީމިއާ ދުވަހުގެ ގޮތުގައެވެ.

ތެލަސީމިއާ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް ހުޅުވުމަށާއި ކުރިއަށް އޮތް އަހަރު ތެރޭ ފަސް ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިކޮށްދޭން މި ސަރުކާރުން ވަނީ ނިންމައިފައެވެ.

ސްކޫލްތަކުގެ ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކުރުމުގެ ގައުމީ ކެންޕެއިނެއް  ވެސް މިދިޔަ ފެބްރުއަރީ މަހު ވަނީ ފަށާފައެވެ. މިއީ ތެލެސީމިއާ ހުންނަ ކުދިން އުފަންވާ ނިސްބަތް ދަށްކުރުމަށް ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފެށި ހަރަކާތެކެވެ.