ިއިމާމުން ތާޒާ ކުރުމުގެ ގައުމީ މަޝްރޫއުގެ ތެރެއިން 100އެއްހައި އިމާމުން ތާޒާ ކުރެވިފައިވާ ކަމަށާއި 40އަށްވުރެ ގިނަ އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ދެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އިއްޔެ އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ސައުދީ އަރަބިއާގައި މިހާރު ވެސް އިސްލާމިކް މިނިސްޓްރީގެ އިމާމުން ތަމްރީނަށް ގޮސް އެބަ ތިބި ކަމަށެވެ.

”100އެއްހައި ހަތީބުންނަށް އަލުން ވާނީ ހުއްދަ ދެވިފައި. ޒުވާން ހަތީބުން، އެއީ ފާހަގަކޮށްލެވޭ މަޝްރޫއުއެއް. މީގެ އިތުރުން 40އެއްހައި މީހުންނަށް ރާއްޖެއިން ބޭރުން މި ވަނީ ތަމްރީނު ދެވިފައި.“ މިނިސްޓަރު ވިދާޅުވިއެވެ.

އިމާމުންގެ ތަމްރީނަށްޓަކައި ކުރިއަށް އޮތްތަނުގައި މިސްރަށާއި، މެލޭޝިއާ، ބުރޫނާއީ އަދި އިންޑޮނޭޝިއާ އަށް ވެސް ފޮނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ތަންތަނަށް ޒިޔާރަތްކޮށް، އިލްމުވެރިންނާ ބައްދަލުކޮށް، އަޑު އަހާ، ނަސޭހަތް އަޑު އަހާ، މީހާއަށް ކުރިއެރުން މި ލިބެނީ ހަމައެކަނި ކޯހެއް ހަދައިގެންނެއް ނޫން. އިލްމުވެރިންނާ ބައްދަލުކޮށް، ނަސޭހަތް އަޑު އަހާ، އިތުރު އިލްމު ހޯދާ، މިގޮތުން ވެސް މީހާގެ އިލްމު ބިނާ ކުރެވޭނެ.“ ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނު ފަހުން 40އަށްވުރެ ގިނަ ފަރާާތްތައް ރާއްޖެއިން ބޭރަށް ތަމްރީނަށް ފޮނުވިފައިވާއިރު، މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައެވެ.