އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ނުދާ ކަމަށާއި އެ ގައުމުން ތަކުރާރުކޮށް ސަރުކާރުތައް މޮޔަ ހައްދާފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by Asuru
އުމަރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާފައިވާކަން ފާހަގަކޮށް، އެކަމާ ގުޅޭ ޝުއޫރުތައް، ގިނަ ބަޔަކު މީސްމީޑިއާގައި ފާޅުކޮށްފައިވަނިކޮށެވެ.

އުމަރު އެކްސްގައި ވިދާޅުވީ އިންޑިއާ އިން ސަރުކާރުތައް މޮޔަ ހެއްދުމުގެ ގޮތުން ކުރަމުންދާ ކަންކަމުގެ ތެރެއިން އަނެއްކާވެސް ކަމެއް ކޮށްލައި ސަރުކާރު މޮޔަ ހައްދައިފި ކަމަށެވެ.

އުމަރު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެ ދޫކޮށް ދިޔަ ކަމަށް ބުނާ ވާހަކަތަކަކީ  ދޮގު ވާހަކަތަކެއް ކަމަށެވެ.

އުމަރު މިގޮތަށް ވިދާޅުވީއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށްފަހު މިހާރު ވަނީ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެނެސްފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ، ރިޔަސީ އިންތިހާބުގައި ރައްޔިތުން އެމަނިކުފާނަށް ވޯޓު ދިނީ ރާއްޖޭގައި ތިބި ބިދޭސީ ސިފައިން ބާލަން ކަމަށާއި، އެ ވައުދު ފުއްދަވާނެ ކަމުގައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަކާއެކު ރައީީސް މުއިއްޒު ވަނީ އިންޑިއާ ސަރުކާރާ ގުޅިގެން އެ މަސައްކަތް ފައްޓަވާފައެވެ.

މިގޮތުން ދެ ގައުމު ގުޅިގެން ކުރި މަޝްވަރާތަކާއެކު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަސްވިއެވެ.