ރާއްޖެއަށް އިންޑިއާ އިން ހަދިޔާ ކުރި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓު ކުރަން ގެނެސްފައިވާ ސިވިލިއަނުން، ނުވަތަ މަދަނީ މީހުންގެ ފަރާތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫ އަރާ ކަމަށް ރައްޔިތުންނަށް ފެންނަ ނަމަ، ސަރުކާރުން އެކަމާ މެދު ފުންކޮށް ވިސްނާނެ ކަމަށާއި، އެފަދަ ނުރައްކަލެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލެވިފައިވާކަން ރަސްމީކޮށް ހާމަ ކުރައްވާފައެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ފޮރިން މިނިސްޓަރު ޒަމީރު ވިދާޅުވީ، އިންޑިއާ ސިފައިން ފޮނުވާލަން، މި ސަރުކާރުން އިންޑިއާ ސަރުކާރުގެ އަރިހުގައި އެދިފައި ވަނީ، ސިފައިން ތިބުމުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫ އަރާ ކަމަށް ދިވެހި ރައްޔިތުންނަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އަދި މިހާރު އިންޑިއާ ސިފައިން ފޮނުވާލެވި، ހެލިކޮޕްޓަރުގެ އޮޕަރޭޝަނަށް މަދަނީން ގެނެސްފައިވާއިރު، ގެނެވުނު މީހުންނަކީ އެ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުން ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.

”ސިވިލިއަނުން(މަދަނީން) ތިބެގެން ގެއްލުން ވާ ކަމަކަށް، އަދި އަޅުގަނޑުމެންނަކަށް އެ ފީޑްބެކެއް ނުލިބޭ ދެއްތޯ؟ މީގަ ހަގީގަތުގައި މިލިޓަރީ ޕްރެސެންސް، ތިބޭތީވެ، ސިވިލިއަނުންގެ ގޮތުގައި ވަރަށް ގިނަ މަސައްކަތް ކުރަން، ވަރަށް ގިނަ މީހުން އިންޑިއާ، ސިލޯނު ނޫނީ ބަންގްލަދޭޝް މީހުން އެބަތިބި. އެކަމަކު އޭގެ ސަބަބުން އަޅުގަނޑުމެންގެ މިނިވަންކަމަށް ބުރޫ އަރާ ކަމަކަށް، ހަމަ ގައިމުވެސް އަޅުގަނޑަކަށް ނުދެކެވޭ.“ މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހެލިކޮޕްޓަރު އޮޕަރޭޓު ކުރުމަށް ދިވެހީން ތަމްރީނު ކުރުމަށް، އިންޑިއާއާއިއެކު ވެފައިވާ އެއްބަސްވުމުގައި ހުރަހެއް ނެތް ކަމަށާއި، ދިވެހީން ތަމްރީނު ކުރުމުން އިންޑިއާގެ ސިވިލިއަނުން ނުބައިތިއްބާނެ ކަމަށެވެ.

ހެލިކޮޕްޓަރު ދުއްވަން ގެނައި ސިވިލިއަނުން 2026 ވަނަ އަހަރު ފޮނުވާލަން ވަނީ ހަމަޖެހިފައެވެ.