ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯނު އިތުރު އެއް އަހަރަށް ފަސްކޮށްދިނުމަށް އެ ގައުމުން ނިންމައިފިއެވެ.

Ads by Asuru

އެ ގައުމުގެ ސަރުކާރުން އެގޮތަށް ނިންމީ ދިވެހި ސަރުކާރުން ރަސްމީކޮށް އެކަމަށް އެދި ހުށަހެޅުމުންނެވެ.

އިންޑިއަން ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ ލޯނުގެ ތެރެއިން މި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އެއް އަހަރަށް ފަސްކޮށްދީފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ ދިވެހި ސަރުކާރުން އެ ލޯނު ފަސްކޮށްދިނުމަށް އެދިފައިވާތީ ކަމަށް ހައި ކޮމަޝަނުން ބުނެފައިވެއެވެ.

އިންޑިއާ އަށް ބާކީ ދައްކަން ޖެހޭ 100 މިލިއަން ޑޮލަރު އޮތްއިރު، އެކަމާ ގުޅޭ ވާހަކައެއް ބަޔާނުގައި ނުވެއެވެ.

ދިވެހި ސަރުކާރުން ވަނީ އެ ދަރަނި ވެސް ދެއްކުން ފަސްކޮށްދޭން އެދިފައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ވެރިކަމުގައި 2019 ވަނަ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާގެ ސްޓޭޓް އޮފް ބޭންކް (އެސްބީއައި) މެދުވެރިކޮށް 200 މިލިއަން ޑޮލަރުގެ ބޮޑު ލޯނެއް ނެގިއެވެ.  މި ސަރުކާރުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ދައްކައިފައެވެ.