ދިވެހި ސަރުކާރުން ސާބިތުކަމާއިއެކު ފަލަސްތީނަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

Ads by Asuru

ދިވެހި ސަރުކާރުން މިހެން ވިދާޅުވީ ވަގުތީ ފިޔަވަޅުތައް އިތުރުކޮށް އިސްލާހު ކުރުމަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ތާއީދުކޮށް ނެރުނު ބަޔާނުގައެވެ.

ޣައްޒާގެ ރަފާހަށް އިސްރާއީލުން ކެނޑިނޭޅި ދެމުންގެންދާ ހަމަލާތަކާއި އެކަމުގެ ސަބަބުން ކުރިމަތި ވަމުންދާ ލާއިންސާނީ ހާލަތު، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރެއެވެ.

ސަރުކާރުގެ ބަޔާނުގައި ވަނީ، ކުށެއް ނެތް ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ އަސްކަރީ ހަމަލާތަކަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި އަދި އިންސާނިއްޔަތާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ.

”އިރުމަތީ ރަފާހުގައި ހިމާޔަތް ހޯދަމުންދާ ފަލަސްތީނުގެ އެތައް ހާސް އާންމުން ވަގުތުން ބޭރުކުރުމަށް އިސްރާއީލުން އަންގަމުންދިއުމަކީ، އިސްރާއީލާ ދެކޮޅަށް ސައުތު އެފްރިކާއިން ހުށައަޅާފައިވާ ”އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ޣައްޒާ ސްޓްރިޕް“ މައްސަލައިގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) އިން އަންގާފައިވާ ވަގުތީ ފިޔަވަޅުތަކަށް އިސްރާއީލުން އަމަލުނުކުރާކަމުގެ ހެއްކެކެވެ. ސަލާމަތީ ފިޔަވަޅުތަކުގެ ނަމުގައި އިސްރާއީލުގެ ސިފައިން ހިންގަމުންގެންދާ ލާއިންސާނީ މިފަދަ ޖަރީމާތަކުގެ ސަބަބުން އެތައް ބައެއްގެ ގެދޮރު ސުންނާފަތިވެ، ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހި، އިންސާނީ އެހީ ޣައްޒާގެ އާންމުންނާ ހަމައަށް ފޯރުމަށް ހުރަސް އެޅެމުންދެއެވެ.“ ބަޔާނުގައިވެއެވެ.

ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އައި.ސީ.ޖޭ އަށް ހުށައަޅާފައިވާ މައްސަލައަށް ތާއީދުކުރަން ނިންމާފައިވަނީ، ”ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް“ އާ އިސްރާއީލުން ހިލާފުވެފައިވާތީ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިގޮތުން، ރަފާހުގެ މިހާރުގެ ޙާލަތަށް ބިނާކޮށް، އައި.ސީ.ޖޭ. އިން މިހާރު ނިންމާފައިވާ ވަގުތީ ފިޔަވަޅުތައް ބަދަލުކުރުމަށް ދެކުނު އެފްރިކާއިން 10 މެއި 2024 ގައި ހުށައަޅާފައިވާ ކުއްލި މައްސަލައަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދު ކުރާކަން ފާހަގަކުރައްވައި، މެދުކެނޑުމެއްނެތި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާތަކަށް ނިމުމެއް ގެނެސް، ދާއިމީ ހައްލެއް ހޯދައިދިނުމަށް ދިވެހި ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން، މިރޭ ނެރުއްވި ބަޔާނުގައި ދެއްވިއެވެ.

”ފަލަސްތީނުގެ ރައްޔިތުންނަށް ލިބިދޭންޖެހޭ އަމިއްލަ އިޚްތިޔާރުގެ ޙައްޤު ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ދިވެހި ސަރުކާރު ސާބިތުކަމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެއެވެ.“ ސަރުކާރުން ވިދާޅުވިއެވެ.

އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްތީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ގޮވާލާ ގޮވާލުންތަކަށް ތާއީދުކުރާ ކަމަށް ބަޔާނުގައިވެއެވެ.