މި މަހުގެ ފަހުކޮޅުގައި ފެށޭ ދިރާސީ އާ އަހަރުގައި ސަރުކާރު ހުރިހާ ސުކޫލެއްގައި އެއާ ކޮންޑިޝަން ހަރުކުރުމުގެ މަޝްރޫއުއަކާއި ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގުރާމެއް ފެށިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު ޝަފީއު ފޭސްބުކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިފެށޭ ދިރާސީ އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެގޮތުން ކުރެވިގެންދާނެ ބައެއް ކަންކަމަށް އަލިއަޅުވާލައްވައި ޝަފީއު ވިދާޅުވީ މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މުދައްރިސުން ތަމްރީނުކުރުމުގެ ހާއްސަ ޕްރޮގުރާމެއް ފެށިގެންދާނެ ކަމަށެވެ.

އަދި ސުކޫލުތަކުގައި މަސައްކަތުގައި މުދައްރިސުން ހޭދަކުރާ ވަގުތު މަދުކުރުމަށްޓަކައި ވެސް ހާއްސަ ފިޔަވަޅުތަކެއް ދިރާސީ އާ އަހަރުގައި އެޅިގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޓީޗަރުން ތަމްރީނުކުރުމުގެ އިތުރަށް ދިރާސީ އާ އަހަރުގައި ސަރުކާރުގެ ހުރިހާ ސުކޫލެއްގައި އެއާ ކޮންޑިޝަން ހަރުކުރުމުގެ މަޝްރޫއެއް ފެށިގެންދާނެ ކަމަށާއި، އެ ޕްރޮޖެކްޓުގެ ތެރެއިން ދެ އަހަރު ތެރޭގައި ހުރިހާ ސުކޫލެއް އޭސީކުރެވި ނިމިގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ލަފާފުޅާއެކު ފަށާ މަޝްރޫއުއެކެވެ. އަދި އެ މަޝްރޫއު ހިނގަމުންދާ މެއި މަހުގެ ފަހުކޮޅުގައި ފެށޭނެ ކަމުގައިވެސް ޑރ.ޝަފީއު ވިދާޅުވިއެވެ.